ޚަބަރު
މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފި

މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ (ނެޝަނަލް ސެންޓަރ ފޯ އިންފޯރމޭޝަން ޓެކްނޮލޮޖީ- އެންސީއައިޓީ) އަދި މާސްޓަރކާޑް ގުޅިގެން "މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ވިދާޅުވީ، މިއީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމް އިތުރަށް ހަލުވިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ރާވާފައިވާ މި ސްޓްރެޓެޖިކް ޕްރޮގްރާމްގެ މަޤްޞަދަކީ، ދިވެހި ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތަކަށް ފަހި ރާއްޖެއަށް ބިނާ ކުރުމުގެ ތަސައްވުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް އެކުލަވާލުމަށް އެހީތެރިވެދިނުމާއި ރައްކާތެރި އަދި ފުރިހަމަ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ މިންވަރު އިތުރުކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ މަސައްކަތްތައް:
- އިތުރު ޚިދުމަތްތަކާއެކު ރައްކާތެރިކަން އިތުރުކޮށް ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީ ކުރުން.
- އޭއައި ބޭނުންކޮށްގެން ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުން.
- ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު އިތުރަށް ފުޅާކޮށް، ސަރުކާރުންދޭ ޚިދުމަތްތަކާއި މުހިންމު އެހެން ދާއިރާތަކުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން.
- ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް މިހާރަށް ވުރެ ފަސޭހަކޮށް ޒަމާނީކުރުން.
- ފަތުރުވެރިކަމުގެ ސިނާޢަތާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާ އެހެނިހެން ދާއިރާތަކަށް، އަމަލީ ގޮތުން މަސައްކަތްކުރެވޭނެ މައުލޫމާތު އުފެއްދުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރުން.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މާސްޓަރކާޑާއި އެންސީއައިޓީއާއެކު މިކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން މިހާރަށް ވުރެ ބޮޑަށް އިންކްލޫސިވް ރައްކާތެރި އަދި ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރުމަށް އެހީވެދޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. ހަމަ މިއާއެކު، މާސްޓަރކާޑުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ގާބިލުކަމާއި ދިވެހި ފަންނުވެރިކަން ގުޅުމުން ރާއްޖޭގެ މުސްތަގުބަލަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ހެޑް ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ، މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމްގައި މާސްޓަރކާޑާއި ބީއެމްއެލްއާ ގުޅިގެން މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަސައްވުރާއި އެއްގޮތަށް، މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި ދެފުށްފެންނަ ނިޒާމެއް ޤާއިމުކޮށް އަދި ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ރާއްޖެ އަށް މިދަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެންނަމުން.
ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވިއެވެ.
މާސްޓަރކާޑުގެ ފަރާތުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ ސަންދުން ހަޕުގޮޑާ ވިދާޅުވީ، ޑިޖިޓަލް އިނޮވޭޝަންގެ ސަބަބުން ހުޅުވިގެންދާ އިގްތިސާދީ ފުރުސަތުތަކާއި ފަހި ބަދަލުތަކަށް އޮތް ފުރުސަތު މާސްޓަރކާޑުން ބަލައިގަންނަ ކަމަށެވެ. އަދި މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް ކަމަށާއި، ޑޭޓާ އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންތެރި ނަތީޖާތަކެއް ހޯދުމަށާއި، ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ ޑިޖިޓަލް އެކޮނޮމީއަކަށް ކުރާ ދަތުރު އަވަސްކުރުމަށް އެހީތެރިވެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާގެ ނަމުގައި އެކުލަވާލި މި އެއްބަސްވުމަކީ ރާއްޖޭގައި ހަރުދަނާ އިންކްލޫސިވް އަދި ކުރިމަގަށް ފަހި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.