ޚަބަރު
ކުޑަރިކިލު ފެނާއި ނަރުދަމާ 6 މަސް ދުވަހުގެ ތެރޭގައި ނިމޭނެ: ރައީސް

ބ. ކުޑަރިކިލު ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސް ވާހަކަފުޅުދައްކަވަނީ.

ފަރުދުން
11 އޯގަސްޓު 2025، 02:25
11 އޯގަސްޓު 2025، 02:25
ބ. ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނޭ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާލުވެއްޖެއެވެ. ހަމަ އެހެންމެ، އެރަށު ފެނާއި ނަރުދަމާ ނިމެމުން ދާ ވަރަކަށް، ކުޑަރިކިލުގައި މަގުތައް ހެދުމުގެ މަސައްކަތް ވެސް ފައްޓަވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ކުޑަރިކިއްޔަށް ޒިޔާރަތް ކުރައްވާ، އެރަށު ރައްޔިތުންނާ މުޚާޠަބުކުރައްވަމުންނެވެ.
ކުޑަރިކިލު ރައްޔިތުންނާ މުޚާޠަބުކުރައްވަމުން، އެރަށުގެ ތަރައްޤީއަށް ރޭވިފައިވާ މުހިންމު އެހެން މަޝްރޫޢުތަކުގެ މައްޗަށް ވެސް ރައީސް ވަނީ އަލި އަޅުއްވާލައްވާފައެވެ. ރައީސް ކުޑަރިކިލުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ އެންމެހައި ވަޢުދުފުޅުތައް ފުއްދަވައިދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، އެރަށު ސްކޫލު ތަރައްޤީކުރުމުގެ ތައްޔާރީތައް ނިމިފައިވާ ކަމާއި، ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނު އެރަށު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެއް ކަމުގައިވާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް، ބިމެއް ލިބުނު ހައި އަވަހަކަށް ފައްޓަވާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ އަރުއްވައިފައެވެ.
ޞިއްޙަތާއި ދުޅަހެޔޮކަމުގެ ދާއިރާއަށް ބަލައިލާ އިރު، ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒު ޒަމާނާ އެއްގޮތަށް ތަރައްޤީ ކުރުމަށް ވަނީ ކަނޑައެޅިފައެވެ. ހަމައެހެންމެ، އެރަށުގައި ފުޓުބޯޅަ ދަނޑަކާއި، ނެޓުބޯޅަ ދަނޑަކާއި، ފިޓްނެސް ސެންޓަރެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ފަހުގެ ރިޔާސީ އިންތިޚާބުގައި ކުޑަރިކިލު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކުރެއްވި އިތުބާރާއި ތާއީދު ފާހަގަކުރައްވަމުން، މިއަދުގެ ގަދަ ހޫނުގައި ވެސް އެމަނިކުފާނަށް މަރުޙަބާ ކިޔާން ބަނދަރަށް ވަޑައިގެންނެވި ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.