ޚަބަރު
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި

ޒުވާނުް ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގާ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާނުން ސަނަދު ހާސިލްކޮށްފިއެވެ.
މި ފަރާތްތަކަށް ސަނަދު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި ރަސްމިއްޔާތުގައި ސަނަދުތައް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފެވެ. މި ޕްރޮގުރާމުގެ ތިން ބުރު ނިމުމާއެކު މިހާތަނަށް ޖުމްލަ 503 ޒުވާނުން ވަނީ ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްފައެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ބުރުން 65 ޒުވާނުންނާއި، ދެވަނަ ބުރުން 169 ޒުވާނުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި 1،000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށި ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދައި، ޒުވާނުންނަށް މި ދާއިރާއިން ފުރުސަތު ފަހިކޮށްދިނުމެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ ސަބަބުން ގިނަ ޒުވާނުންތަކެއް ވަނީ ޚަޠީބުކަމުގެ މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.