ދުނިޔެ
އެމެރިކާގެ ސްޓީލް ޕްލާންޓެއްގައި ހިނގި ގޮވުމެއްގައި 2 މީހުން މަރުވެ 10 މީހުންނަށް އަނިޔާވެއްޖެ

ގޮވުންތައް ގޮވި ސްޓީލް ޕްލާންޓް
އެމެރިކާގެ ޕެންސިލްވޭނިއާގެ ޕިޓްސްބާގް ކައިރީގައި ހުންނަ ޔޫއެސް ސްޓީލްގެ ޕްލާންޓެއްގައި ހިނގި ގޮވުންތަކެއްގައި 2 މީހުން މަރުވެ 10 މީހުންނަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގީ ހޯމަ ދުވަހުގެ ހެނދުނު 11:00 ހާއިރުއެވެ.
ކްލެއަރޓަން ކޯކް ވަރކްސްގައި ހިނގި މި ހާދިސާއާ ގުޅިގެން ފުރަތަމަ 2 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރެވުނެވެ. އޭގެ ތެރެއިން އެއް މީހަކު ފެނި، ހޮސްޕިޓަލަށް ގެންދެވުނުކަމަށް އެލެގެނީ ކައުންޓީ ޕޮލިސް އެސިސްޓެންޓް ސުޕްރިންޓެންޑެންޓް ވިކްޓަރ ޖޯސެފް ވަނީ މައުލޫމާތު ދެއްވާފައެވެ.
ނިޕޮން ސްޓީލްގެ ސަބްސިޑިއަރީއެއް ކަމަށްވާ ޔޫއެސް ސްޓީލްގެ ޕްރެޒިޑެންޓް އަދި ސީއީއޯ ޑޭވިޑް ބުރިޓް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި ސަބަބު ހޯދުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު ދަނީ މަސައްކަތް ކުރެވެމުންނެވެ. އަދި މި ތަޙުޤީޤަކީ ގިނަ ވަގުތު ނަގާނެ ޓެކްނިކަލް ތަޙުޤީޤެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
ޕެންސިލްވޭނިއާގެ ގަވަރނަރ ޖޯޝް ޝަޕީރޯ އެކްސްގައި ވިދާޅުވީ، އެ ހާދިސާއާ ގަވަރުނަރުގެ އޮފީހުން ކަމާގުޅުންހުރި އޮފިޝަލުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ހޮސްޕިޓަލުގެ ބާން ޔުނިޓަށް ގެންދެވިފައެވެ.
ކްލެއަރޓަން ކޯކް ވަރކްސްއަކީ އެމެރިކާގެ އެންމެ ބޮޑު ކޯކް އުފައްދާ ފެސިލިޓީއެވެ. މި ތަނުގައި 1،300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އަދި އަހަރަކު 4.3 މިލިއަން ޓަނުގެ ކޯކް އުފައްދައެވެ. ހާދިސާއާ ގުޅިގެން ޕްލާންޓުގެ 1.6 ކިލޯމީޓަރުގެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ގޭގައި މަޑުކުރުމަށް އިރުޝާދު ދީފައެވެ.