ޚަބަރު
ކިތަންމެ ކުޑަ ރަށެއްގައިވެސް އާބާދީއަށް އެކަށޭނަ މިންވަރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ފެހެންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުގެ ސިޔާސަތަކީ ކިތަންމެ ކުޑަ ރަށެއްގައިވެސް އާބާދީއަށް އެކަށޭނަ މިންވަރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ އެންމެ މީހުން މަދު އެއް ރަށް ކަމަށްވާ، އެ އަތޮޅު ފެހެންދޫއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ، އިޚުލާޞްތެރިކަމާއެކު، އެ ވަޢުދުތައް ފުއްދަވައިދެއްވުމަށް ޢަޒުމު ކަނޑައަޅުއްވައިގެން ވެވަޑައިގެންނެވި ވަޢުދުފުޅުތަކެއް ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތްތައް ކަށަވަރުކޮށްދެއްވުމުގައި، ރަށެއްގެ ކުޑަބޮޑުމިނުގެ ސަބަބުން އިސްތިސްނާ ކުރެއްވުމެއް ނެތި، ކޮންމެ ރަށެއްގައިވެސް އާބާދީގެ ނިސްބަތުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވުމަކީ އެ މަނިކުފާނުގެ ސިޔާސަތުކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.
ފެހެންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މައްސަލަކަން ފާހަގަކުރައްވައި، ހުއްޓިފައިވާ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުތައް ބާރު ދުވެލީގައި ނިންމަވައިދެއްވާނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. އަދި ފެހެންދޫ ސްކޫލްގައި، މެދު މަދަރުސީ އަދި އެއަށްވުރެ މަތީ ގްރޭޑްތަކަށް ކިޔަވައިދޭނޭ ޓީޗަރުން ހޯދުމަށް ޚާއްޞަ އަހުމިއްޔަތުކަމެއް ދެއްވާނޭކަމަށާއި، އެ ރަށުގައި ޤާއިމުވެ ތިބޭނެ ޓީޗަރުން ނުލިބިއްޖެނަމަ، އަލުން ޓީޗަރުން ތަމްރީންކުރައްވައިގެންވެސް މައްސަލަ ޙައްލުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ސިއްޙަތާއި ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކެއް ވެސް މި އަހަރާއި އަންނަ އަހަރަށް އެކަށައަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނޭކަމަށާއި، ފުލް ސައިޒް ފުޓުބޯލަ ދަނޑެއް ހެދުމާއި، ފުޓްސަލް ދަނޑުގެ ޕިޗު އާކުރުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް މި އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ފެހެންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަކީ ޚަރަދު ބޮޑު މަސައްކަތެއް ކަމަށެވެ. އެހެންކަމުން، އެ ރަށުގެ ޖެޓީގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ އަށް ޙައްލު ހޯއްދެވުން ކުރިއަށް ގެންދަވާނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. އަދި ފެހެންދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް މިއަދު ވަނީ ފައްޓަވާފައެވެ.