ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ހިތާދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފި

ރައީސް ހިތާދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވަނީ.

ފަރުދުން
13 އޯގަސްޓު 2025، 09:54
13 އޯގަސްޓު 2025، 09:54
ރައީސުލްޖުމްހޫރިއްޔާ ބ. ހިތާދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މިޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ބ. އަތޮޅުގެ އާބަދުވެފައިވާ ރަށްރަށަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ހިތާދޫ އަށް މިއަދު ކުރެއްވި ޒިޔާރަތްފުޅުގެ ތެރެއިންނެވެ. ހިތާދޫއަކީ އެމަނިކުފާނު މިއަދު ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި، އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރުމުގައި، ބީއެމްއެލް ގެ ސީއީއޯ، ޗެއަރޕަރސަން، އަދި ހިތާދޫ ކައުންސިލުގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ބ. ހިތާދޫގައި ދެންމެ އިފްތިތާޙުކުރެވިގެން ދިޔަ އޭޓީއެމް އަކީ އެރަށުގައި އެޚިދުމަތް ތަޢާރަފު ކުރެވުނު ފުރަތަމަ ފަހަރެވެ. އެއީ މިއަހަރުގެ ތެރޭގައި ބީއެމްއެލް އިން ޤާއިމްކުރި 44 ވަނަ އޭޓީއެމް އެވެ. މިކަމުގެ ހަނދާނީ ފިލައެއް، ބީއެމްއެލް ގެ ފަރާތުން ހިތާދޫ ކައުންސިލަށް ވަނީ އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ގާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންގެ ވާހަކަތައް އައްސަވައި، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވުމަށް ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިގޮތުން، އެމަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް މުހިންމު މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެވި، މުހިންމު ޚިދުމަތްތަކެއް ދަނީ ތަޢާރަފުކުރެވެމުންނެވެ.