Ads by Stelco

ޚަބަރު

ހިތާދޫގައި ކުޅިވަރުގެ 4 މަޝްރޫޢެއް މިއަހަރު ފަށާނަން: ރައީސް

ހިތާދޫގައި ކުޅިވަރުގެ 4 މަޝްރޫޢެއް މިއަހަރު ފަށާނަން: ރައީސް

ހިތާދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސް ވާހަކަފުޅު ދައްކަވަނީ.

farudhun logo

ފަރުދުން

13 އޯގަސްޓު 2025، 11:51

13 އޯގަސްޓު 2025، 11:51

ބ. ހިތާދޫގައި ކުޅިވަރުގެ ހަތަރު މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެން ދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ހިތާދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުޅިވަރުގެ ދާއިރާއިން މިއަހަރުގެ ތެރޭގައި ހިތާދޫގައި ޢަމަލީ ގޮތުން ފެށިގެން ދާނޭ މަޝްރޫޢު ތަކަކީ: ފުޓުބޯޅަ ދަނޑަކާއި، ނެޓުބޯޅަ ދަނޑަކާއި، ފިޓްނެސް އެންޑް ރިކްރިއޭޝަނަލް ސެންޓަރ އަކާއި، އައުޓްޑޯ ޖިމް އެއްގެ މަސައްކަތެވެ. މިކަންކަމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ ކަންކަން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ބ. ހިތާދޫގެ ތަރައްޤީ އަށް މުހިންމު މަޝްރޫޢުތަކެއް ހިންގުމަށް ރޭވިފައިވާ އިރު، އޭގެ ތެރެއިން އެންމެ މުހިންމު ދެމަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެއީ: އެރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ބިނާކުރުމާއި، އެރަށު ބިންހިއްކުމުގެ މަޝްރޫޢެވެ. ސްކޫލުގެ މަޝްރޫޢު އެފްޑީސީއާ މިއަދު ޙަވާލުކުރެވުނު އިރު، ބިންހިއްކުމުގެ މަޝްރޫޢު ޙަވާލުކުރެވުނީ އެމްޓީސީސީ އާ އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި، ހިތާދޫގެ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް މިމަހުގެ 7 ވަނަ ދުވަހު، 33.7 މިލިޔަން ރުފިޔާއަށް ފެނަކައާ ވަނީ ޙަވާލުކޮށްފައެވެ. މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ މިއަދުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުން، ހިތާދޫގައި އަލަށް ތަރައްޤީކުރާ މަރުކަޒުގެ ޢިމާރާތުގައި ޑަޔަލިސިސްގެ ޚިދުމަތާއި، ޒަމާނީ ލެބޯޓަރީއެއްގެ ޚިދުމަތް ވެސް ލިބިގެން ދާނެއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހިތާދޫގައި މަގުހެދުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދިޔުމުގެ ވިސްނުންފުޅެއް އެމަނިކުފާނު ގެންގުޅުއްވައެވެ. ނަމަވެސް ރައީސް ވިދާޅުވީ، މަގުހަދާނީ ރައްޔިތުން ރުހޭ ގޮތަކަކަށް ކަމަށެވެ. ރަށުގައި ތާރު އަޅަން ރައްޔިތުން ނުރުހޭ ނަމަ އެކަން ނުކުރައްވާނޭ ކަމަށާއި، ރައްޔިތުންގެ ތާއީދާއެކު މަގުތަކުގައި ގައު ޖެހުން ނުވަތަ ފަސްގަނޑު އެއްވަރުކޮށްފައި ބޭއްވުން ވެސް އެންމެ ރަނގަޅު ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބ. އަތޮޅު މާމަޑުއްވަރީގެ ނަފާ ހިތާދޫ ރައްޔިތުންނަށް ހޯއްދަވައިދެއްވާނޭ ކަމުގެ ޔަޤީންކަން ވެސް ރައީސް ޑރ މުޢިއްޒު ވަނީ ދެއްވާފައެވެ. އެރަށުގެ ނަފާ ހިތާދޫގެ އެންމެހައި ޢާންމުން ޝާމިލުވަނިވި ގޮތެއްގައި ލިބިގަތުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ހިތާދޫގެ ތަރައްޤީއަށް މުހިންމު މިމަޝްރޫޢުތައް ވީހައިވެސް އަވަހަކަށް ނިމިގެންދާނޭ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހިންގެވުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ސިޔާސަތުކަމުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން