ޚަބަރު
ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި

ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުން. ފޮޓޯ: ރައީސް އޮފީސް
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން މިއަދު ފާހަގަކޮށްފިއެވެ.
މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިހާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތެކެވެ.
15.6 މިލިއަން ރުފިޔާގެ މި މަޝްރޫޢު ކުރިއަށް ގެންދިޔައީ އެމްޓީ ހޯގާޑާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުން ގިރާފައިވާ ސަރަޙައްދުގެ ވެލިގަނޑު އިއާދަކުރުމަށް ވެލި އަޅައި، 548 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ވަނީ ލާފައެވެ.
ކިހާދޫ ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުމެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މި މަޝްރޫޢު އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.
ކިހާދޫ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގިރަމުންދިޔައީ އެރަށު ބަނދަރު ހެދުމަށް ނެގި ވެލިތައް އަޅާފައިވާ ސަރަޙައްދެވެ. މީގެ ކުރިން މި ސަރަހައްދަށް ގާތްގަނޑަކަށް 30,000 ކިއުބިކް މީޓަރުގެ ވެލި އަޅާފައިވާއިރު، 600 ފޫޓުގެ ސަރަޙައްދަކަށް މި ވެލި އަޅާފައިވެއެވެ. އޭގެތެރޭގައި ފުޅާމިނުގައި 10 ފޫޓު އަދި އުސްމިނުގައި 20 ފޫޓަށް ވެލި ހުރި ސަރަޙައްދުތައްވެސް ހިމެނެއެވެ.
މި މަޝްރޫޢު ނިމުމާއެކު، ކިހާދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ރައްޔިތުންނަށް އުފާވެރި ދުވަސްވަރެއް ފެށިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.