ޚަބަރު
އައު ޓާރމިނަލުން އެންމެ ފުރަތަމަ ޚިދުމަތްދިން ބައިނަލްއަޤްވާމީ އެއަރލައިނަކަށް އެއަރ އަރާބިއާ

އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އެއާ އަރަބިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އެއާ އަރަބިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
މިއީ ޓާމިނަލް 1 އިން ބައިނަލްޤުވާމީ އެއާލައިނަކަށް ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
އެކަމަށްޓަކައި ޓާމިނަލް 1 ގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހުއެވެ.
ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްޢާން އަދި އެއާ އަރަބިއާގެ މެނޭޖަރު އެއާޕޯޓްސް – ސައުތް އިންޑިއާ، ބެންފަސް ވެލިޔަތް ޝަމްސުއްދީންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އެއާ އަރަބިއާގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެއާ އަރަބިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާ އަރަބިއާ އިން ފުރި 171 ފަސިންޖަރުންނަށް ވަނީ ހަދިޔާ ބަހައިފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާ އަރަބިއާގެ ފުރަތަމަ ފްލައިޓަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 165 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެއާ އަރަބިއާއަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިނެކެވެ. އެ އެއާލައިނުން ޔޫއޭއީގެ ޝާރްޖާ އާއި މާލެއާ ދެމެދު ކޮންމެ ދުވަހަކުވެސް އެއް ފްލައިޓް ބާއްވައެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން އެ އެއާލައިނުން ދުވާލަކު ދެ ދަތުރު ކުރުމަށް ވަނީ ނިންމައިފައެވެ.
ޓާމިނަލް 1 އަށް އެންމެ ފުރަތަމަ އޮޕަރޭޝަންތައް ބަދަލުކުރީ ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންއެވެ. އަދި ޓާމިނަލް 1 އަށް މި މަހުގެ ތެރޭގައި އިތުރު ހަތް އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.