ޚަބަރު
ދޮންފަނުގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި

ދޮޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް
ބ. ދޮންފަނުގެ ބިން ހިއްކުމާއި ބަނދަރު ނެރު ބަދަލުކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އިމާރާތްކުރުމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ، އަހުމަދު ސައުދީ ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ މި އަހަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު 17.5 ހެކްޓަރުގެ ސަރަހައްދެއްގައި އޮންނަ މި ރަށުގެ ބޮޑުމިން މި މަޝްރޫއު ނިމުމުން ގާތްގަނޑަކަށް ދެގުނަ އިތުރުވެގެންދާނެއެވެ.
ދޮންފަނުގެ އިތުރުން ބ. އަތޮޅުގެ ހިތާދޫ އަދި ކެންދޫގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތާއި، ހަ ކްލާސްރޫމާއި، ސައިންސް ލެބެއްގެ އިތުރުން ލައިބްރަރީއެއް އިމާރާތްކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ވަނީ ހަވާލުކޮށްފައެވެ.