ޚަބަރު
ދަރަވަންދޫގެ ސިއްޙީ ޚިދުމަތް ރަނގަޅު ކުރުމަށް 30 އެނދު ޤާއިމްކުރަނީ

ބ. ދަރަވަންދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން، ފޮޓޯ: ޙަސަން އިޔާދު / ފަރުދުން
ބ. ދަރަވަންދޫގެ ސިއްޙީ ޚިދުމަތުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެ ރަށުގައި 30 އެނދު ޤާއިމްކުރުމަށް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ދަރަވަންދޫގެ ސިއްޙީ ޚިދުމަތް ރަގަޅުކޮށް ފުޅާކުރުމުގެ މަސައްކަތަކީ އެ ރަށަށް ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އެކަމުގެ އެއް ސަބަބަކީ އެ ރަށުގައި އެއާރޕޯޓެއް އޮތުމުން ރަށަށް އަންނަ މީހުން އިތުރުވުމެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވަމުން ދާތީ، އެކަމާ ގުޅިގެން ރަށުގައި ޤާއިމްވެ ތިބޭ މީހުންނާއި ފަތުރުވެރިން އިތުރުވެގެން ދިއުމަކީ ވެސް އެ ރަށުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ކޮންމެހެން ރަގަޅުކުރަންޖެހޭ ސަބަބުތައް ކަމަށް ފާހަގަ ކުރެއްވެވިއެވެ. އަދި މި ކަމުގެ ސަބަބުން ހުރިހާ ފައިދާއެއް ކުރާނީ ރަށުގެ ރައްޔިތުންނަށްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ރަށުގައި 30 އެނދު ޤާއުމްކުރާނީ އައު ސިއްޙީ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއް އަޅައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިހާރު މިހިރަ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް އިތުރު އެނދުތަކާ އިތުރު ވަސީލަތްތަކާ ހިމެނޭ ގޮތަށް އަޅުގަނޑުމެން މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މި ރަށުގައި 30 އެނދުގެ ސިއްޙީ މަރުކަޒެއް ނޫނީ ހޮސްޕިޓަލެއް އަޅައިދޭނެ ވާހަކަ ދަންނަވަން". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ހުރި ސިއްޙީ މަރުކަޒު އާ ހަރުފަތަކަށް ގެންދެވެންދެން ވެސް، މިހާރުން މިހާރަށް ޤާއިމް ކުރެވޭނެ ކަންކަން ބަލާ، އެކަންކަން ފަހި ކުރުމުގެ މަސައްކަތް ފުރިހަމަކޮށްދެވޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެ ރަށުގައި ޑަޔަލިސިސް ޚިދުމަތް ވަރަށް އަވަހަށް ފެށޭނެކަމަށާއި، މިހާރު ކުރިޔަށްދަނީ މެޝިނަރީ ގެނައުމުގެ މަސައްކަތް ކަމުގައި ވިދާޅުވިއެވެ.
އޭގެ އިތުރުން އެކްސްރޭގެ ޚިދުމަތް ވެސް މި އަހަރު ތެރޭގައި ފެށޭނެ ކަމަށާއި އަދި ސިއްޙީ ދާއިރާއިން އިންސާނީ ވަސީލަތް އިތުރުކުރުމަށް މި އަހަރު ތެރޭގައި ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރުމަށް ނިންމަވާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މި އަހަރުގެ ބަޖެޓުން މުވައްޒަފުން އިތުރު ކުރެވޭނެ މިންވަރެއް ބަލާ، މި އަހަރު އެކަން ވެސް ކުރިޔަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގެ އިތުރުން ވެސް، އެ ރަށުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްސާކުރައްވާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ފުޓުބޯޅަ ދަނޑު ރޭގަނޑު ބޭނުން ކުރެވޭ ގޮތަށް އަޕްގްރޭޑު ކުރުމުގެ މަސައްކަތް މި އަހަރު ބަޔަކާ ހަވާލުކުރުން
- މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް، ކުރިޔަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފެށުން
- ދަރަވަންދޫ އެއާރޕޯޓު އައިލެންޑު އޭވިއޭޝަނަށް ނަގައި، އެ އެއާރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދިއުން
- ޕާސްޕޯޓު ޚިދުމަތް ދިނުމަށް ބޭނުންވާ ޖާގަ ހަމަޖެހުނުހާ އަވަހަކަށް، އެ ޚިދުމަތް ދަރަވަންދޫއިން ފެށުން
- ދަރަވަންދޫ ސަރަޙައްދުގައި އޮތް ބަޔޯސްފިޔާރ ރިޒާވްގެ ބޭނުން އިތުރަށް ހިފޭނެ ގޮތް ހެދުމަށް އިތުރު ވޮޗް ޓަވާރއެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރުން
ދަރަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަސީލަތް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، އެ ރަށުގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ވެސް ރަސްމީކޮށް އިފްތިތާޙުކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު މިއަދު ނިންމަވާލެއްވުމަށް ހަމަޖެހިފައިވާއިރު، މި ދަރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ.