ޚަބަރު
ރައީސް، މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި

ރައީސް، މާޅޮހުގައި އޭޓީއެމް ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވުން.

ފަރުދުން
14 އޯގަސްޓު 2025، 10:11
14 އޯގަސްޓު 2025، 10:11
ރައީސްުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ. މާޅޮހުގައި އޭޓީއެމް ގެ ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ. އެމަނިކުފާނު މިޚިދުމަތް ފައްޓަވައިދެއްވީ، ބ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ފަހު މަންޒިލު ކަމުގައިވާ ބ. މާޅޮހަށް ކުރެއްވި ޒިޔާރަތްފުޅުގައެވެ. މިއޭޓީއެމް އަކީ، މިއަހަރުގެ މިހާތަނަށް ބީއެމްއެލް އިން ޤާއިމުކުރި 47 ވަނަ އޭޓީއެމް އެވެ.
ރައީސުލްޖުމްހޫރިއްޔާ މާޅޮހުގައި އޭޓީއެމް ގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމުގައި، ބީއެމްއެލް ގެ ސީއީއޯ، ޗެއަރޕަރސަން، އަދި މާޅޮހު ކައުންސިލުގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިކަމުގެ ހަނދާނީ ފިލައެއް ބީއެމްއެލް ގެ ފަރާތުން މާޅޮހު ކައުންސިލަށް ވަނީ އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރަކީ ރާއްޖޭގެ އާބާދުވެފައިވާ އެންމެހައި ރަށްރަށުގައި އޭޓީއެމް ގެ ޚިދުމަތް ލިބޭނޭ ގޮތް ހައްދަވައިދެއްވުމެވެ. މިގޮތުން. މާޅޮހުގައި މިޚިދުމަތް ފެއްޓެވުމުން، ބ. އާތޮޅުގެ މީހުން ދިރިއުޅޭ އެންމެހައި ރަށްރަށުގައި މިހާރު ވަނީ އޭޓީއެމް ގެ ޚިދުމަތް ޤާއިމު ކުރެވިފައެވެ. މިކަމަކީ އެއަތޮޅުގެ ތަރައްޤީއާއި ކުރިއެރުމަށް މުހިންމު ފިޔަވަޅެއް ކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން، އަތޮޅުގެ އާބާދުވެފައިވާ ހުރިހައި ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވިފައިވަނީ 6 އަތޮޅެއްގައެވެ. އެއީ: ހއ، ށ، ދ، ނ، މ، އަދި ކ އަތޮޅެވެ. މިއާއެކު، ބީއެމްއެލް ބޭންކިންގ ވިޔުގައިގައި ޖުމުލަ 250 އަށް ވުރެ ގިނަ އޭޓީއެމް ހިމެނޭ ކަމަށް ބީއެމްއެލް އިން ހާމަކުރިއެވެ.