ދުނިޔެ
އިސްރާއީލުގެ ޢުދުވާނީ ޙަމަލާތައް ނުހުއްޓޭ، ބޮންއަޅައި ބަނޑައްޖައްސަނީ

އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނު މީހަކު ކަންބޮޑުވެފައި.

ފަރުދުން
14 އޯގަސްޓު 2025، 02:18
14 އޯގަސްޓު 2025، 02:18
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޙަމަލާތައް އަދި ވެސް ކެނޑިނޭޅި ކުރިއަށް ދާ ކަމަށް މީޑިޔާ ތަކުން ރިޕޯޓު ކޮށްފިއެވެ. މިގޮތުން، ރޭ ފަތިހުއްސުރެ އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން 23 ފަލަސްޠީނީން ޝަހީދުވެފައިވެއެވެ. އެމީހުން ޝަހީދުވީ، ޣައްޒާ ސިޓީއަށާއި، ރަފަޙުގައި ހުންނަ އިންސާނީ އެހީ ދޫކުރާ މަރުކަޒަކަށް ދިން ޙަމަލާތަކެއްގެ ސަބަބުންނެވެ. ޝަހީދުވި 23 މީހުންގެ ތެރެއިން 10 މީހުންނަކީ އެހީ ބަލައި ދިޔަ މީހުންނެވެ.
މީގެ އިތުރުން، މިދިޔަ 24 ގަޑިއިރު ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން 4 ފަރާތެއް ނިޔާވެފައިވާކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މިއާއެކު، ޣައްޒާގައި ބަނޑަށް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު މިހާރު ވަނީ 239 އަށް އަރާފައެވެ. މިޢަދަދުގެ ތެރޭގައި 106 ކުޑަކުދިން ހިމެނެއެވެ.
ޣައްޒާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނަރސިންގ އެކްޓިވިޓީ މެނޭޖަރ އެއް ކަމުގައިވާ ނަޓާޝާ ޑޭވީސް ވިދާޅުވި ގޮތުގައި، ޣައްޒާގައި ހުރި "އިންސާނީ އެހީ" ގެ މަރުކަޒުތަކަކީ ޙަޤީޤަތުގައި ޤަތުލުޢާންމު ހިންގުމަށް އިސްރާއީލުން ބޭނުން ކުރާ ވަސީލަތްތަކެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އދ. އިން ވެސް ވަނީ، އިސްރާއީލުން "މެޑިސައިޑް" ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ. އެއީ، ޣައްޒާގެ ޞިއްޙީ ނިޡާމު ފުނޑުފުނޑުކޮށް، ޞިއްޙީ ވަސީލަތްތައް ނައްތާލުމަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުވި ފަރާތްތަކުގެ ޖުމުލަ ޢަދަދު މިހާރު ވަނީ 61،722 އަށް އަރާފައެވެ. އަދި ޒަޚަމުވި ފަރާތްތަކުގެ ޢަދަދު ވަނީ 154،525 އަށް އަރާފައެވެ.