ޚަބަރު
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ފޮޓޯ: ފުލުހުން
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީ ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ސްޕެއިނަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އެމީހާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތީގެ ޓްރެފިކްކުރުމުގެ ތުހުމަތެވެ. ހަމަ އެހެންމެ، އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އޭނާ ވަނީ ރާއްޖެ އާއިރު ލަގެޖުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކޮށްފައެވެ.
މީގެ އިތުރުން، މި މީހާއާއެކު ދިވެހީންގެ އިތުރު ބަޔަކު ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ކަމަށާއި މީނާގެ ލަގެޖުން ފެނުނު ތަކެތި ފީލްޑް ކިޓުން ކޮކެއިންނަށް ޕޮސިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.