ކުޅިވަރު

އެފްއޭއެމްގެ ރީޖަނަލް ލީގުތަކުގައި ބައިވެރިވުމަށް ރަށްތަކަށް ހުޅުވާލައިފި

އެފްއޭއެމްގެ ރީޖަނަލް ލީގުތަކުގައި ބައިވެރިވުމަށް ރަށްތަކަށް ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން، ފޮޓޯ: ސިޑިބަރި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 އޯގަސްޓު 2025، 06:52

18 އޯގަސްޓު 2025، 06:52

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ އައު އޮނިގަނޑާއެކު މުޅި ރާއްޖެއަށް ފުޓުބޯޅަ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ އެސޯސިއޭޝަންގެ ރީޖަނަލް ލީގުތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަށްތަކަށް ހުޅުވާލައިފިއެވެ. 

"އެޓޯލް ޗެމްޕިއަންޝިޕް"ގެ ނަމުގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މި މުބާރާތް ފަށާނީ ޒޯން ލީގުތަކުންނެވެ. އެ ލީގުން ރީޖަނަލް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭއިރު، އެއަށްފަހު ޕްލޭ-އޮފް މެޗުތަކަށްފަހު ދިވެހި ޕްރިމިއާރ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭނެއެވެ.

އެފްއޭއެމްއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނީ، އެ އެސޯސިއޭޝަނުން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ރީޖަންގައި މި އަހަރު ފެށުމަށް ތާވަލްކޮށްފައިވާ 'އެޓޯލް ޗެމްޕިއަންޝިޕް' ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފައިވާ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ރަށްތަކުން، ސެޕްޓެންބަރު 1 ވަނަ ދުވަހުގެ ކުރިން އެފްއޭއެމްއަށް އަންގަންޖެހެއެވެ. އެގޮތުން އެފްއޭއެމްއިން އެދިފައި ވަނީ އީމެއިލް މެދުވެރިކޮށް ([email protected]) ޝައުގުވެރިވާ ފަރާތްތަކުން އެކަން އެންގުމަށެވެ. 

އެފްއޭއެމްއިން ރީޖަނަލް ލީގުތައް ފެށުމަށް ކަނޑައަޅާފައިވާ ތާރީޙުތައް:

  • ނޯތު ރީޖަން: 1 އޮކްޓޫބަރު 2025 އިން 30 ނޮވެންބަރު 2025 އަށް
  • ސެންޓްރަލް ރީޖަން: 15 ނޮވެމްބަރު 2025 އިން 30 ޑިސެމްބަރު 2025 އަށް
  • ސައުތު ރީޖަން: 1 ޑިސެމްބާރ 2025 އިން 15 ފެބްރުއަރީ 2026 އަށް

އެފްއޭއެމްއިން ކަނޑައަޅާފައިވާ ގޮތުގައި ނޯތު ރީޖަންގައި ހިމެނެނީ ހއ. ހދ. ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީއެވެ. އަދި ސެންޓްރަލް ރީޖަންގައި ކ، އއ، އދ، ވ، މ، ފ، ދ، ހިމެނޭއިރު، ސައުތު ރީޖަންގައި ހިމެނެނީ ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއެވެ. ދެން ހިމެނެނީ މާލޭ ރީޖަންއެވެ. އެއީ، މާލެ ސިޓީ ކްލަބުތަކާއި ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކާއި ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

އެފްއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި ރީޖަނަލް ލީގުތައް އަންނަ އަހަރުގެ ފެބުރުއަރީ 5ވަނަ ދުވަހުގެ ކުރިން ކަނޑައެޅިގެންދާނެއެވެ. އެއަށްފަހު ދިވެހި ލީގު ޕްލޭ-އޮފް މެޗުތައް މެއި މަހު ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ޕްލޭ-އޮފް ބުރުގައި ކުޅޭނީ 6 ޓީމެވެ. އެއީ ޕްރިމިއާރ ލީގުގެ 7ވަނަ އާއި 8ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން ޕްރިމިއާރ ލީގަށް ކޮލިފައި ވާނޯ ގަދަ 4 ޓީމެވެ. 

ދިވެހި ޕްރިމިއާރ ލީގުގައި ކުޅޭނީ 10 ޓީމެވެ. ލީގުގެ ޖާގަތައް އަންނަ ސީޒަނުގައި ކަށަވަރު ވާނީ ގަދަ 6 ޓީމެވެ. އަދި 7ވަނަ ޓީމާއި 8ވަނަ ޓީމުން އަލުން ލީގަށް ދިއުމަށް ޕްލޭ-އޮފް ކުޅެން ޖެހޭއިރު، 9ވަނަ ޓީމާއި 10ވަނަ ޓީމު، އެ ޓީމެއް ހިމެނޭ ރީޖަނަލް ލީގަށް ރެލިގޭޓް ވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން