ދުނިޔެ

ޣައްޒާގައި ކާބޯތަކެއްޗަށް ދަތިވެ ސަތޭކައަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެއްޖެ

ޣައްޒާގައި ކާބޯތަކެއްޗަށް ދަތިވެ ސަތޭކައަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެއްޖެ

ޣައްޒާގެ ކުޑަކުދިންތަަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2025، 10:11

18 އޯގަސްޓު 2025، 10:11

ކާބޯތަކެތި ނުލިބި ބަނޑަށް ޖެހުމުގެ ސަބަބުން 110 ކުޑަކުދިން ޣައްޒާގައި ޝަހީދުވެއްޖެއެވެ. 

ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި، ކާބޯތަކެތި ނުލިބުމުގެ ސަބަބުން ފަލަސްތީނުގެ އިތުރު ބަޔަކު ޝަހީދުވެފައިވާއިރު، އާދިއްތަ ދުވަހު އިސްރާއިލްގެ އަސްކަރިއްޔާގެ ހަމަލާތަކުގައި 57 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފައިވަނީ، މިއާއެކު ކާބޯތަކެތި ނުލިބި ޝަހީދުވި މީހުންގެ އަދަދު 258 އަށް އަރާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 110 ކުޑަކުދިން ހިމެނެއެވެ. މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް ކަމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ޖަމްއިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން 2.4 މިލިއަން މީހުންނަށް، އޭގެ ތެރޭގައި 1.2 މިލިއަން ކުޑަކުދިން ހިމެނޭ ގޮތަށް، ކާބޯތަކެތި ނުލިބޭނެ ގޮތް ހަދައި، މަރާލުމުގެ ސިޔާސަތެއް ގެންގުޅެމުންދާ ކަމަށެވެ. އަދި 1 ލައްކައަށް ވުރެ ގިނަ ކުޑަކުދިންނާއި ބަލިމީހުންނަށް އަސާސީ ކާބޯތަކެތި ނުލިބި، ނުރައްކާތެރި ހާލަތެއްގައި ތިބި ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާގައި ތިބި ނުރައްކާތެރި ހާލަތުގައިވާ އާބާދީގެ ތެރެއިން 1 ލައްކަ މީހުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ. ހަނގުރާމަ ހުއްޓާލުމަކީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށް އޮތް ހަމައެކަނި ގޮތް ކަމަށްވެސް އެ ޖަމްއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުގެ ހަމަލާތައް ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް އަމާޒުކުރަމުންނެވެ. އޭގެތެރޭގައި އެހީ ބަހާ މަރުކަޒުތަކަށް ދެވޭ ހަމަލާތަކުގައި އިއްޔެ 38 މީހުން ޝަހީދުވެފައިވެއެވެ. އަދި ޣައްޒާ ސިޓީގެ ބެޕްޓިސްޓް ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 7 މީހުން ޝަހީދުވެފައިވެއެވެ. މީގެ އިތުރުން ޒައިތޫން ސަރަހައްދުގައި އިސްރާއީލްގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކުގައި 400 އަށް ވުރެ ގިނަ އިމާރާތް ވަނީ ފުޑުފުޑުކޮށްލާފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީއަށް ދޭ ހަމަލާތައް އިތުރުވަމުންދާއިރު، އަސްކަރީ ބާރުތައް އިތުރުކޮށް، ޣައްޒާ ސިޓީ އަލުން ހިފުމަށް ރޭވި ޕްލޭނަށް އިސްރާއީލްގެ ސިފައިންގެ އެންމެ އިސްވެރިޔާ، އީޔާލް ޒަމީރު ވަނީ ހުއްދަ ދީފައެވެ. މިކަމާ ގުޅިގެން އިންސާނީ ހައްގުތަކާބެހޭ ޖަމްއިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 61،944 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 155،886 މީހުންނަށް ޒަހަމްވެފައިވެއެވެ. އަދި 9،000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ލައްކަ އަކަށްވުރެ ގިނަ މީހުން ނިކަމެތި ހާލުގައި އުޅެމުންދެއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ ދުށް އެންމެ ބޮޑު އިންސާނީ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ ކަމަށް ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން