ޚަބަރު
ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް

ސިވިލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއް ކުރިއަށްދަނީ. ފޮޓޯ: ސިވިލް ސާވިސް ކޮމިޝަން
ސިވިލް ސަރވިސް ކޮމިޝަނަށް 3 މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ ކޮމިޓީއަށް ފޮނުވާފައިވަނީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަޤާމުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހު ހަމަވާތީއެވެ.
މުއްދަތު ހަމަވާ މެންބަރުންގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި، މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފްއެވެ. މި މަޤާމުތަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 6 ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ މުޙައްމަދު ނާސިހު، ޑރ. ހުސައިން ފާއިޒު، ޑރ. ދީބާ މޫސާ، އަލްއުސްތާޛާ ބަދުރިއްޔާ މޫސާ، ޑރ. ފާތުމަތު މުނާ އަދި އައިމިނަތު އުއްމުކުލްޘޫމް އެވެ.
ސިވިލް ސަރވިސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މެންބަރުންގެ މަޤާމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. މިހާރު ކޮމިޝަނުގައި ތިއްބެވި މެންބަރުންގެ ތެރޭގައި ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް މުޙައްމަދު މުޖްތާޒާއި މެންބަރު ފާތިމަތު ހަބީބާ ހިމެނިވަޑައިގަންނަވައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ފާސްވާ ނަންތައް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަޤާމުތަކަށް އައްޔަން ކުރައްވާނެއެވެ.