ދުނިޔެ

ކުވެއިތުގައި ނުރައްކާތެރި ބަނގުރާ އުފެއްދުމުގެ މައްސަލައިގައި 67 މީހުން ހައްޔަރުކޮށްފި

ކުވެއިތުގައި ނުރައްކާތެރި ބަނގުރާ އުފެއްދުމުގެ މައްސަލައިގައި 67 މީހުން ހައްޔަރުކޮށްފި

ކުވައިތް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2025، 10:29

18 އޯގަސްޓު 2025، 10:29

ކުވެއިތުގައި ޤާނޫނާ ޚިލާފަށް އުފައްދާފައިވާ ބަނގުރަލުގެ ސަބަބުން 23 މީހުން މަރުވެ، 160 އަށްވުރެ ގިނަ މީހުންނަށް ނުރައްކާތެރި އަސަރުކޮށްފައިވާ މައްސަލައިގައި 67 މީހުން ހައްޔަރުކޮށްފައިވާކަމަށް އެ ޤައުމުގެ އިންޓީރިއަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

 މި ޖަރީމާ ހިންގި ވިއުގައިގެ އިސް މީހާގެ ގޮތުގައި ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެކެވެ.

އިންޓީރިއަރ މިނިސްޓްރީން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ރިހާއިޝީ އަދި ސިނާއީ ސަރަހައްދުތަކުން ހަ ފެކްޓްރީއާއި، އަދި ހިންގަން ތައްޔާރުވަމުންދިޔަ ހަތަރު ފެކްޓްރީ ހޯދާފައިވާ ކަމަށެވެ. މި ޖަރީމާގައި ބައިވެރިވި ނޭޕާލްގެ ރައްޔިތަކު، މެތަނޯލް ތައްޔާރުކޮށް ވިއްކި ގޮތުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވެއެވެ.

މުސްލިމް ޤައުމެއްގެ ގޮތުގައިވާ ކުވެއިތުގައި ބަނގުރާ އެތެރެކުރުމާއި އުފެއްދުން މަނާކޮށްފައި ވީނަމަވެސް، ސިއްރު ތަންތަނުގައި އެއްވެސް ރައްކާތެރިކަމުގެ މިންގަނޑެއް ނެތި ބަނގުރާ އުފައްދަމުންދާކަން ފާހަގަކުރެވެއެވެ.

 އެޤައުމުގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ގިނައީ އޭޝިއާގެ ޤައުމުތަކުގެ ރައްޔިތުންނެވެ. 51 މީހުންނަށް ކުއްލި ޑައިލިސިސްގެ ފަރުވާ ދޭންޖެހުނު އިރު، 31 މީހުން ވެންޓިލޭޓަރުގައި ބާއްވަން ޖެހުނެވެ.

ކުވެއިތުގައި އެންމެ ގިނަ ބިދޭސީން ދިރިއުޅޭ އިންޑިއާގެ އެމްބަސީން ބުނެފައިވަނީ، ފާއިތުވި ދުވަސްތަކުގައި 40 އެއްހާ އިންޑިއާގެ ރައްޔިތުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނު ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވާ އިރު، ބައެއް މީހުންގެ ހާލަތު ވަރަށް ސީރިއަސްކަމަށް އެމްބަސީން މައުލޫމާތު ދީފައިވެއެވެ.

މެތަނޯލްއަކީ ވަރަށް ނުރައްކާތެރި، ވިހަ މާއްދާއެކެވެ. މެތަނޯލް ވިހަވުމުގެ އަލާމާތްތައް ފާހަގަކުރަން ދަތި ނަމަވެސް، މޭގައި ރިހުމާއި، ހޮޑުލުމާއި، ނޭވާލުމުގެ ދަތިކަން ހިމެނެއެވެ. ޑޮކްޓަރސް ވިތައުޓް ބޯޑަރސްގެ މައުލޫމާތުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކު ހާހުން ގުނާ އަދަދަކަށް މީހުން، ޚާއްސަކޮށް އޭޝިއާގައި މެތަނޯލް ވިހަވުމުގެ ޝިކާރައަކަށް ވެއެވެ. ފަރުވާ ނުލިބޭ ހާލަތްތަކުގައި މަރުވާ މިންވަރު 20 އިންސައްތައިން 40 އިންސައްތައަށް އަރާކަމަށް ވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން