Ads by Stelco

ޚަބަރު

މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ

މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ

މާލެގެ ބޮޑުތަކުރުފާނު މަގު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2025، 11:54

18 އޯގަސްޓު 2025، 11:54

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

 މި މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި މިއަދުން ފެށިގެން އޮކްޓޯބަރު 13 އާ ހަމައަށް ބޮޑުތަކުރުފާނު މަގުގެ އެއްފަޅި ވަނީ ބަންދުކޮށްފައެވެ.

މި މަޝްރޫޢު އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުއެވެ. އަދި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ އޭޕްރީލް 9 ވަނަ ދުވަހުއެވެ. މަޝްރޫޢުގެ އަގަކީ 144.5 މިލިއަން ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް ދެވިފައިވަނީ 1 އަހަރާއި 3 މަސްދުވަހުގެ މުއްދަތެކެވެ.

މަގު ބަންދުކުރެވިފައިވާ ސަރަހައްދަކީ ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށެވެ. ސިޓީ ކައުންސިލުން ކުރި އިޢުލާނުގައިވާ ގޮތުން، އެ ސަރަހައްދުގެ ފަޅުވެސް ބަންދުކުރެވޭނެއެވެ. އަދި ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގުވެސް ޓްރެފިކަށް ބަންދުކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ސަރަހައްދަކީ ހުޅުމާލޭ ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް އޮންނަ 830 މީޓަރުގެ ސަރަހައްދެވެ. މަގު ތަރައްޤީކުރެވޭނީ ކޮޅަކަށް 2 ލޭނު ހިމެނޭގޮތަށް، އެންމެ ޒަމާނީ ފެންވަރަށެވެ. މީގެ އިތުރުން މަގު ފުޅާކުރުމަށްޓަކައި އެ ސަރަހައްދުގެ ބޭރު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އުތުރު ފަރާތު ބޮޑުތަކުރުފާނު މަގަކީ ސަރުކާރާއި އާންމު ފަރާތްތަކުގެ މުހިންމު އޮފީސްތަކާއި، ބޭންކުތަކާއި ފިހާރަތައް ހުރި، އަދި މާލެއަށް ލަފާފުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ކުރިން އެމްޓީސީސީން ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހަދާ ނިންމާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ މާލެއާއި ވިލިމާލޭގެ އެހެން ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް މިހާރު ވަނީ ނިމި، މިއަހަރު ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން