ދުނިޔެ
ޔައްފާގެ މަގުތަކަށް އިސްރާއިލްގެ ލައްކައަކަށްވުރެ ގިނަ މީހުން ނުކުމެ އިސްރާއިލް ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފި

ޔައްފާގެ މަގުތަކުގައި އިހްތިޖާޖް ކުރިއަށްދަނީ
ފަލަސްޠީނުގެ ބިމުން އިސްރާއިލްގެ ޔަހަޫދީން ފޭރިގަނެފައިވާ ބިންތަކުގެ ތެރެއިން އިސްރާއިލްގެ ވެރިކަން ކުރަމުންދާ ޔައްފާ(ތެލް އަވީވް) ގެ މަގުތަކަށް އިސްރާއިލްގެ ލައްކައަކަށް ވުރެ ގިނަ ރައްޔިތުން ނުކުމެ އިސްރާއިލްގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައިފިއެވެ.
މި އިހުތިޖާޖަކީ ޣައްޒާގައި ބަންދުކޮށްފައިތިބި އިސްރާއިލްގެ އަސީރުން ދޫކޮށްލުމަށް އެދި އެ މީހުންގެ އާއިލާތަކުން ކުރިއަށްގެންދާ އިހުތިޖާޖެކެވެ.
އިސްރާއިލް ފުލުހުންގެ އަންދާޒާތަކުން ދައްކާ ގޮތުގައި ޔައްފާ (ތެލްއަވީވް)ގެ މެދުތެރޭގައި 150،000 އަށްވުރެ ގިނަ މީހުން މި އިހުތިޖާޖުގައި ބައިވެރިވެފައިވެއެވެ. މުޒާހަރާކުރާ ފަރާތްތަކުން ވަނީ ޔައްފާ(ތެލްއަވީވް)ގެ "ރަހީނުންގެ މައިދާން" އާއި ޤުދުސް (ޖޭރޫސަލަމް)ގެ މަގުތަކާއި އެހެނިހެން މުހިންމު މަގުތައް ބަންދުކޮށްފައެވެ.
މި އިހުތިޖާޖުގައި ބައިވެރިވި ކުރީގެ ދިފާއީ ވަޒީރު ޔޯއަވް ގަލަންޓް ވަނީ ޣައްޒާގެ ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ އެންމެ ގޮތަކަށް ކަމަށް ބުނެފައެވެ. އެއީ ފުރަތަމަ ބަންދީން ދޫކޮށްލުމަށްފަހު ހަމާސްގެ ވެރިކަން ބަދަލުކުރުން ކަމަށް އޭނާ ބުނިއެވެ.
އިސްރާއިލްގެ ޔުނިވަރސިޓީތަކުން ވަނީ ހަމާސް އާއެކު ބަންދީން ދޫކޮށްލުމުގެ އެއްބަސްވުމަކަށް އައުމަށް ގޮވާލާފައެވެ. އަދި ވެރިކަމުން މި ގޮވާލުންތަކަށް އިޖާބަ ނުދޭކަމަށް ބުނެފައެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އަސީރުން ދޫކޮށްލުމަށް ހުރަސްއަޅަނީ ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ކަމަށެވެ.
މި އިހުތިޖާޖުގައި 38 މީހުން ހައްޔަރުކުރެވުނު ކަމަށް އިސްރާއިލް ފުލުހުން ބުނެފައިވެއެވެ. އަދި އަސީރުންގެ އާއިލާތަކުން ބުނެފައިވަނީ އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށާއި، މިލިއަނުން މީހުން މި އިހުތިޖާޖުގައި ބައިވެރިވާނެކަމަށް އުންމީދުކުރާ ކަމަށެވެ.