ޚަބަރު
ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ހެދުމަށް ނިންމައިފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ފޮޓޯ: ސަން އޮންލައިން
ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންގެ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު މަރުވުމާއި ގުޅިގެން، މި މައްސަލައިގެ އިތުރު ތަހުޤީޤަށް އޭނާގެ ހަށިގަނޑުގެ އޯޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުރި ގ. ޒާމިއާ/މާލެ، އަޙްމަދު އަފްރާޙް (48އ) މިމަހުގެ 17 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ. މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ފަތިހު 5:50 ހާއިރު އޭނާގެ ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އޭނާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދޭކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، އަޙްމަދު އަފްރާޙް އަކީ މިހިނގާ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްކަމަށެވެ. އަދި މި ޙާދިސާގެ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ މިހާރު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ހަމަ އެހެންމެ، މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުޤީގެއް ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން ކުރިއަށް ގެންދަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ދަނީ ތަހުޤީގުކުރަމުންނެވެ.