ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކަލައިދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކަލައިދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / ހިޔަލީގުލްޝަން، އަޙްމަދު ނަޝީދު (38އ) ކަމަށެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށެވެ. އެގޮތުން، ސައިކަލެއްގައި އޭނާ ދަނިކޮށް ހުއްޓުވި ވަގުތު ސައިކަލު މަޑިދަށުން އެއްޗެއް ނަގައިގެން ދުއްވައިގަނެ ފިލަން މަސައްކަތްކުރުމުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުގަނޑެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.64 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ނަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ކަލައިދޫ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.