ޚަބަރު
ހުއްދަ ނެތި އިންޝުއަރެންސް ވިޔަފާރިކުރާނަމަ، 5 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ. ފޮޓޯ: މަޖިލިސް އިދާރާ
ލައިސަންސް ނެތި އިންޝުއަރެންސް ވިޔަފާރިކުރާ ފަރާތްތައް 5 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް އެކުލަވާލާފައިވާ އިންޝުއަރެންސާ ބެހޭ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.
ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު ޠާރިޤް އިބްރާހިމް ހުށަހެޅުއްވި މި ބިލަކީ، ދިވެހިރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް އެކުލަވާލާފައިވާ ބިލެކެވެ. މި ބިލު ޤާނޫނަކަށް ވުމުން، އިންޝުއަރެންސް ވިޔަފާރިތަކުގެ ހަރުދަނާ އަދި ރައްކާތެރި އުސޫލުތައް އެކަށައަޅައި، އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބެލޭނެއެވެ.
ބިލުގައިވާ ގޮތުން، އިންޝުއަރެންސް ޤާނޫނު ހިންގައި ތަންފީޒުކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. އަދި ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ކުރެވޭނީ އެމްއެމްއޭއިން ދޫކުރާ ލައިސަންސް އޮވެގެންނެވެ. ލައިސަންސް ނެތި ވިޔަފާރިކުރާ ފަރާތްތައް 100,000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެމްއެމްއޭއަށް ލިބިގެންދާނެއެވެ.
މި ޤާނޫނުގެ ދަށުން، ތެދުނޫން މަޢުލޫމާތު ދީގެން ޙައްޤުނޫން މަންފާއެއް ހޯދުމާއި، ހޯދަން އުޅުން އަދި އެފަދަ މަންފާއެއް ހޯދައިދިނުމަށް އެހީތެރިވުން މަނާވެގެންދާނެއެވެ. މިފަދަ ޢަމަލެއް ހިންގާ ފަރާތްތައް، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި 100,000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އިންޝުއަރެންސް ކުންފުންޏަކުން ނުވަތަ ގުޅިފައިވާ ފަރާތަކުން ޤާނޫނާ ޚިލާފުވެއްޖެނަމަ، އެމްއެމްއޭއިން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ވަކި ހަރަކާތްތަކެއް ހުއްޓާލުމަށް އެންގުމާއި، ހިއްސާދާރުންނަށް ފައިދާ ބެހުން މަނާކުރުން، އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މަޤާމުން ވަކިކުރުމަށް އެންގުން ހިމެނެއެވެ. މީގެ އިތުރުން، 1 މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއި، ހުއްދަ ނުވަތަ ލައިސަންސް ބާޠިލުކުރުމުގެ ބާރުވެސް އެމްއެމްއޭއަށް ލިބިގެންދާނެއެވެ.