ޚަބަރު
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ފަސް ލޯންޗު ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ފަސް ލޯންޗު ހަދިޔާކުރުން/ފޮޓޯ: ފުލުހުން
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ފަސް ލޯންޗު ހަދިޔާކޮށްފިއެވެ.
ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ، ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންގެ ޚިދުމަތަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވާފައެވެ. އަދި މި އުޅަނދުތަކާއެކު، ކަނޑުމަތީގެ ފުލުހުންގެ ޤާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފާހަގަކުރައްވައި، ކަނޑުމަތީގައި ޤާނޫނު ތަންފީޒުކުރުމުގެ ޤާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމަޢުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ އަދި ޤާބިލުކަން އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެއާއި ޖަޕާނަކީ ރަޙްމަތްތެރިކަމުގެ ދިގު ތާރީޚެއް އޮތް ދެ ޤައުމުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ވެދެއްވާ އެހީތެރިކަން ސީޕީ ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި މި އުޅަނދުތައް ޚިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރިގޮތަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމަށް ސީޕީ ނަވީން ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވިދާޅުވީ، މި އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ޤާބިލިއްޔަތު ތަރައްޤީކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ޤާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުންކަމަށެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން، ދިވެހި ފުލުހުންނަށް ކަނޑުމަގުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލިއްޔަތު އިތުރުވެގެންދާނެކަމަށާއި، މި އެހީއަކީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނުން ދެމުންދާ އެއްބާރުލުމުގެ ދަށުން ދެވުނު އެހީއެއް ކަަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ވައިގެ ބަނދަރުތައް އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން އަވަސް ދުވެލީގައި ކުރިއަރަމުންދާ މި ދަނޑިވަޅުގައި، އަވަހަށް އިޖާބަދެވޭ އުޅަނދުތަކުގެ ބޭނުން ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑަށް މުހިންމުވެފައިވާކަން ފާހަގަކުރައްވައި، މިފަދަ އުޅަނދުތައް ލިބުމަކީ ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު ވަރުގަދަ އަދި ކުރިއަރަމުންދާ ގުޅުމެއް ޤާއިމުކުރެވިފައިވާ ކަމަށާއި، ޚާއްޞަކޮށް ޤާނޫނު ތަންފީޒުކުރުމާއި އާންމު ސަލާމަތުގެ ދާއިރާތަކުގައި މި ގުޅުން ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު، ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް 54 ކާރާއި ހަތަރު ވޭން ހަދިޔާކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދާއި، ކަނޑު އުޅަނދުގެ އިތުރުން، ޑްރަގް ފީލްޑް ޓެސްޓު ކިޓް، ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް، އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓުގެ އިތުުރުން އެހެނިހެން ތަކެތި ވެސް ހަދިޔާކޮށްފައިވެއެވެ.
ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްޤީއަށް ބޭނުންވާ އެކި ވަޞީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.