ޚަބަރު
ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަޙައްދުގައި ބަސް ސްޓޮޕް ޤާއިމުކޮށް ދުވާރު އެޅުމުގެ މަސައްކަތް ފަށައިފި

ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަޙައްދުގައި ބަސް ސްޓޮޕް ޤާއިމުކޮށް ދުވާރު އެޅުމުގެ މަސައްކަތް/ފޮޓޯ: އެޗްޑީސީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓުތައް ހުންނަ ސަރަޙައްދުގައި ބަސް ސްޓޮޕް ޤާއިމްކޮށް ދުވާރު އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން ވިދާޅުވީ، މިއީ 4000 ފްލެޓުތަކުގައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަޙައްދުގައި އަސާސީ ވަޞީލަތްތައް ޤާއިމްކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.
އެގޮތުން، ހުޅުމާލެ ފޭސް ދޭއްގެ ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަޙައްދުގެ ނިރޮޅުމަގުގައި ބަސް ސްޓޮޕް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ ބަސް ސްޓޮޕްގެ މަސައްކަތް އެއްކޮށް މި ހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން އިތުރު ބަސް ސްޓޮޕްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ރޭވިފައިވާކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، އެ ސަރަޙައްދަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލަކަށް ހެދުމައްޓަކައި، މަގުތައް މަރާމާތުކުރުމާއި، ދުވާރު ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަސް އެޗްޑީސީން ވިދާޅުވިއެވެ. އެގޮތުން، މިހާތަނަށް އެއް ބްލޮކްގެ ދުވާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައިވާއިރު، މި މަސައްކަތްތަކަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެޗްޑީސީން ވަނީ ފާހަގަކުރައްވާފައެވެ.
4000 ފްލެޓްގެ މަޝްރޫއަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫއެއް ކަމުގައިވާއިރު، މި ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ޚިދުމަތްތަކެއް ޤާއިމްކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ހިތްފަސޭހަ ތަނަކަށް ހެދުމެވެ.