ދުނިޔެ

ޣައްޒާގައި ހަނގުރާމަ ކުރުމަށް އިޒްރޭލުން ބޭރުގެ ޔަހޫދީން ހޯދަން ފަށައިފި

ޣައްޒާގައި ހަނގުރާމަ ކުރުމަށް އިޒްރޭލުން ބޭރުގެ ޔަހޫދީން ހޯދަން ފަށައިފި

އިސްރާއިލްގެ ސިފައިންގެ މީހުންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2025، 05:46

18 އޯގަސްޓު 2025، 05:46

ޣައްޒާގައި ހަނގުރާމަ ކުރަންދާނެ އިސްރާއިލްގެ ސިފައިން މަދުވެ އިސްރާއިލުން ބޭރުގެ ޔަހޫދީން ހޯދަން އިސްރާއިލްގެ ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

އިސްރާއިލް ސިފައިންގެ ސަފުތަކުގައި 12،000 އަށް ވުރެ ގިނަ ސިފައިންގެ ދަތިކަން ހުރުމާއެކު، އެ ޤައުމުން ބޭރުގައި ދިރިއުޅޭ ޔަހޫދީ ޒުވާނުން ސިފައިންގެ ގޮތުގައި ވެއްދުމަށް އިސްރާއިލް ސިފައިން ދިރާސާކުރަމުންދާ ކަމަށް އެ ޤައުމުގެ ސިފައިންގެ ރޭޑިއޯއިން ހާމަކޮށްފައިވެއެވެ.

ސިފައިންގެ އިސް ވެރިންގެ ބަހުން އެ ރޭޑިއޯއިން ނަގާފައިވާ ޚަބަރެއްގައި ބުނެފައިވާ ގޮތުގައި، މައިގަނޑު ގޮތެއްގައި އަމާޒުކުރެވެނީ އެމެރިކާ އަދި ފްރާންސްގައި ދިރިއުޅޭ ޔަހޫދީ މުޖުތަމަޢުތަކަށެވެ. އަދި މި މަސައްކަތުގެ ތެރެއިން އަހަރަކު 700 އިތުރު ސިފައިން ހޯދުމަކީ އެ ފަރާތްތަކުގެ އަމާޒެވެ.

އިސްރާއިލްގެ އާބާދީގެ 13 އިންސައްތައަކީ ހަރިދިމް (ދީނީ ގޮތުން ހަރުކަށި ޔަހޫދީން) ކަމަށްވާއިރު، އެ ފަރާތްތަކުން ސިފައިންގެ ޚިދުމަތުގައި ބައިވެރިވުމަށް އިންކާރުކުރެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އެމީހުންގެ މުޅި ހަޔާތް ވަގުފުކުރަނީ ތައުރާތު ދިރާސާކުރުމަށެވެ. އަދި ޢިލްމާނީ މުޖުތަމަޢުގައި އެމީހުން ބައިވެރިވުމަކީ އެމީހުންގެ ދީނީ ވަނަވަރަށް ނުރައްކަލެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއިލް ސިފައިންގެ ތެރެއިން 1،000 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާއިރު، ހާހުން ގުނާލެވޭ އަދަދެއްގެ ސިފައިންނަށް ނުރައްކާތެރި ހާނިއްކަވެފައިވެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ސިފައިން ނަފްސާނީ ފަރުވާ ހޯދަމުންދެއެވެ.

އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ޖަމާޢީ މަރުގެ ޢަމަލުތަކުގެ ސަބަބުން މިހާތަނަށް 61،944 ފަލަސްޠީނުން ޝަހީދުވެފައިވާއިރު، 155،886 މީހުންނަށް އަނިޔާވެފައިވެއެވެ.

 މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 9،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ލައްކައިން ގުނާލެވޭ އަދަދެއްގެ މީހުން ހިޖުރަކޮށްފައިވެއެވެ. މީގެ އިތުރުން ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން 258 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 110 ކުޑަކުދިން ހިމެނެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން