ކުޅިވަރު

އައިޓީއެފް ޖޭ30: އެންމެ މަތިން ސީޑްކޮށްފައިވާ ކުޅުންތެރިޔާ ބަލިކޮށް ރާއްޖޭގެ މަންހާ ދެވަނަ ބުރަށް

އައިޓީއެފް ޖޭ30: އެންމެ މަތިން ސީޑްކޮށްފައިވާ ކުޅުންތެރިޔާ ބަލިކޮށް ރާއްޖޭގެ މަންހާ ދެވަނަ ބުރަށް

އައިޓީއެފް ޖޫނިއަރ ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި މަންހާ މުޙައްމަދު ޢަލީ، ފޮޓޯ: ޖަވިޔަނި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 އޯގަސްޓު 2025، 06:54

19 އޯގަސްޓު 2025، 06:54

ރާއްޖޭގައި މިހާރު ކުރިޔަށްދާ އައިޓީއެފް ޖޫނިއަރ ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ރާއްޖޭގެ މަންހާ މުޙައްމަދު ޢަލީ ޖާގަ ހޯދައިފިއެވެ.

މަންހާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ، މި މުބާރާތުގައި ކުޅެމުން އަންނަ އެންމެ މަތިން ރޭންކްކޮށްފައިވާ ކަޒަކިސްތާންގެ ޓަމާރާ އާމަކޯވާ ބަލިކުރުމަށްފަހުއެވެ.

ވާދަވެރި ކުޅުމެއްގެ ތެރެއިން ތިން ގަޑިއެއްހާއިރަށް ދިގު ދެމިގެން ދިޔަ މި މެޗު މަންހާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. އެގޮތުން ފުރަތަމަ ސެޓު މަންހާ ކާމިޔާބުކުރީ ޓައި-ބްރޭކްއަށްފަހު 7-6  ގޭމުންނެވެ. ނަމަވެސް، ޓަމާރާ ވަނީ ކުޅުން ރަނގަޅުކޮށް، މަންހާއަށް ޕޮއިންޓެއް ނުދީ ދެވަނަ ސެޓު 6-0 ގޭމުން ކާމިޔާބުކޮށްފައެވެ. އެއަށްފަހު މަންހާ މެޗުން ކުރިހޯދީ މެޗުގެ ފަހު ސެޓު 6-4 ގޭމުން ކާމިޔާބުކޮށްގެންނެވެ. 

މަންހާގެ އިތުރުން ރާއްޖޭގެ ނަބާ ނިޝާން އާއި ނަޔާރާ އުސާމާ ޢަލީ ވެސް ވަނީ ޖާގަހޯދާފައެވެ. 

އެގޮތުން ދެވަނަ ބުރުން ނަބާ ޖާގަ ހޯދީ، ފުރުތަމަ ބުރުގައި އިންޑިއާގެ ޖާނަވީ ޗައުދަރީ މަޑަރަމިޓްލާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުއެވެ. މެޗުގެ ސެޓުތައް ނަބާ ކާމިޔާބުކުރީ 7-5 އަދި 6-1 ގޭމުންނެވެ.

އަދި ނަޔާރާ ވެސް ދެވަނަ ބުރަށް ދަތުރުކޮށްފައި ވަނީ ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ނަޔާރާ ބައްދަލުކުރީ ވެރޯނިކާއާއެވެ. އޭނާ މެޗުގެ ސެޓުތައް ކާމިޔާބުކުރީ 6-3 އަދި 6-4 ގޭމުންނެވެ.

ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ދެވަނަ ބުރުން ޖާގަ ލިބިފައި ނުވަނީ އާރާ އާސާލް އާޒިމް، އާއިޝަތު ކަރިން ސައިޒާން، މިޝަލް މުޙައްމަދު، ކިޔާރާ އުސާމާ ޢަލީ، ސާރާ ސާމީ މުޙައްމަދު، ކްލާރާ ސެރީނާ އާސިފް އަދި ނީމް އަޙުމަދު ސަލީމްއަށެވެ.

މި މަހުގެ 18އިން 28އަށް މާލޭގައި ހުންނަ ޤައުމީ ޓެނިސް ސެންޓަރުގައި ކުރިޔަށްދާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ އެންމެ ބޮޑު ޓެނިސް މުބާރާތެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ޖުމްލަ 24 ޤައުމެއްގެ ކުޅުންތެރިން ވާދަކުރެއެވެ. އޭގެ ތެރޭގައި އޭޝިއާގެ އިތުރުން، ޔޫރަޕުގެ ޤައުމުތައް ވެސް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން