ދުނިޔެ
ޙަމާސްއިން އަސީރުން ދޫކޮށްލަން އެއްބަސްވެއްޖެ، މުރާސިލުން ވިދާޅުވަނީ އިސްރާއިލަށް ގޮތް ހުސްވަމުންދާކަމަށް

ހަމާސްގެ ހަނގުރާމަމަތީ ފިޔައިގެ މެންބަރުން
ޣައްޒާގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ހުށަހެޅިފައިވާ އައު ހުށަހެޅުމަކަށް ފަލަސްތީނުގެ ދިފާއީ ބާރުތަކުން އެއްބަސްވެއްޖެއެވެ.
މި ހުށަހެޅުމަކީ މެދުވެރިންގެ ފަރާތުން ހުށަހަޅާފައިވާ، އަދި އެމެރިކާގެ ތާއީދު ލިބިފައިވާ ހުށަހެޅުމެކެވެ. ނަމަވެސް މި އެއްބަސްވުން ފުރިހަމަވުމަށް އިސްރާއީލުގެ އެއްބަސްވުން ބޭނުންވެއެވެ.
އައު ހުށަހެޅުމުގެ ދަށުން، 60 ދުވަހުގެ ހަނގުރާމަ ހުއްޓުމަކާއެކު، އަސީރުން ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ދަށުން، ދިރިތިބި އިސްރާއިލްގެ 10 އަސީރުންނާއި، މަރުވެފައިވާ 18 އަސީރުންގެ ހަށިތައް، 1،700 ފަލަސްތީނު އަސީރުންނާ ބަދަލުކުރެވޭނެއެވެ. މީގެ ތެރޭގައި އުމުރަށް ޖަލަށްލެވިފައިވާ 45 މީހުންނާއި، ދިގު މުއްދަތަށް ޙުކުމް ކުރެވިފައިވާ 15 މީހުން ހިމެނެއެވެ.
އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ތާމިރު އަލްމިސްހާލް ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓުމާއެކު 8 އިސްރާއީލީ އަސީރުން ދޫކޮށްލެވޭނެއެވެ. އަދި 50 ވަނަ ދުވަހު އިތުރު 2 އަސީރުން ދޫކޮށްލެވޭނެއެވެ. މީގެ އިތުރުން މަރުވެފައިވާ އިސްރާއީލް އަސީރުންގެ ހަށިތައްވެސް މަރުހަލާތަކަކަށް ބަހާލައިގެން ރައްދުކުރެވޭނެއެވެ.
ރިޕަބްލިކަން ޕާޓީގެ އިސްތިރާޖީ ދިރާސާވެރިއެއް ކަމަށްވާ އަދޯލްފޯ ފްރާންކޯ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ އިންސާނީ ހާލަތު ރަނގަޅުކުރުމަށް އުއްމީދީ ފިޔަވަޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން މި އެއްބަސްވުން ބަލައިގަންނާނެކަމަށް ލަފާކުރެވެއެވެ. ސަބަބަކީ މިއީ އެމެރިކާގެ ތާއީދު ލިބިފައިވާ، އަދި ދެފަރާތުގެ ދެމެދުގައި އޮތް ހަނގުރާމަ ހައްލުކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅަކަށް ވާތީއެވެ.
އިސްރާއީލްގެ ކަންކަން ދިރާސާކުރައްވާ މާހިރު ޑރ. މުހަންނަދު މުސްތަފާ ވިދާޅުވި ގޮތުގައި، އިސްރާއީލުން މި ހުށަހެޅުމަށް އަވަސް ރައްދެއް ނުދޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ބެންޖަމިން ނަތަންޔާހޫ ވަނީ ބޮޑު ސިޔާސީ ބޮޑު ވެއްޓުމެއްގެ ތެރެއަށް ގޮސްފައެވެ. ސަބަބަކީ ޙަމާސްއިން މި ހުށަހެޅުން ބަލައިގަތުމަކީ އޭނާއަށް ލަފާނުކުރެވޭ ކަމަކަށް ވާތީއެވެ.
މެދުވެރިންގެ ވާހަކަތަކާއި، އެމީހުންގެ ވަޢުދުތަކާއި، ޤާހިރާގައި މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އައް-ސީސީ އަދި ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބައިވެރިވެ ވަޑައިގެން ބޭއްވުނު މަތީ ފެންވަރުގެ ބައްދަލުވުންތަކުގެ ސަބަބުން މާހައުލު ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށް ފަލަސްތީނުން ދެކެއެވެ. ނަމަވެސް، މަޝްރަޙު ދިރާސާކުރައްވާ ވިސާމް އަފީފް ވިދާޅުވަނީ ހަމަލާތައް ހުއްޓާލާފާނެ ކަމާއިމެދު އަދިވެސް ޝައްކު ކުރެވެއެެވެ.
އެއީ ކުރީގެ ތަޖުރިބާތަކުން ދައްކާގޮތުގައި އިސްރާއީލުން ގިނަފަހަރަށް އެންމެ ފަހު ވަގުތުގައި އެއްބަސްވުންތަކުން ފަހަތަށް ޖެހޭތީ ނުވަތަ ބަލައިނުގަނެވޭ ފަދަ ކަންކަން އެއްބަސްވުމުގެ ތެރޭގައި ހިމަނައިގެން އެއްބަސްވުންތައް ހަލާކުކޮށްލާތީއެވެ. މިކަން ލީކުވެފައިވާ އެއްބަސްވުމުގެ މާއްދާތަކުން ސާފުވެއެވެ. އެ މާއްދާތަކުން ދައްކާގޮތުގައި ކުރީގެ ހުށަހެޅުންތަކަށް ގެނެވުނު ބަދަލުތަކަކީ މާބޮޑު އަދި މައިގަނޑު ބަދަލުތަކެއް ނޫނެވެ.