Ads by Stelco

ޚަބަރު

ބ. އަތޮޅު އާރްޓީއެލް ފެރީ ޚިދުމަތަށް ބޮޑު ތަރުޙީބެއް: 3 ހަފްތާ ތެރޭ 1500އަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ދެވިއްޖެ!

ބ. އަތޮޅު އާރްޓީއެލް ފެރީ ޚިދުމަތަށް ބޮޑު ތަރުޙީބެއް: 3 ހަފްތާ ތެރޭ 1500އަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ދެވިއްޖެ!

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޯގަސްޓު 2025، 12:40

19 އޯގަސްޓު 2025، 12:40

ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތް ފެށިފަހުން، ފާއިތުވި ތިން ހަފްތާ ތެރޭގައި 1500އަށް ވުރެ ގިނަ މީހުންނަށް މި ޚިދުމަތް ދެވިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގައި މި ޚިދުމަތަށް ލިބެމުންދާ ބޮޑު ތަރުޙީބު މި ވަނީ އެ ވުޒާރާއިން ހިއްސާކުރި ތަފާސްހިސާބުތަކުން ހާމަވެފައެވެ.

ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ މިމަހުގެ 11 ވަނަ ދުވަހު، މާޅޮސްމަޑުލުގެ ދެކުނުބުރީގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ އެ އަތޮޅުގެ ރައްޔިތުންގެ ދަތުރުފަތުރުގެ ކަންކަން ފަސޭހަވެގެންދާނެ ކަމަށް ގިނަ ބަޔަކު ދެކޭ ޚިދުމަތެކެވެ.

މި ދަތުރުތައް ރަސްމީކޮށް ފެށުމުގެ ކުރިން، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނުރަސްމީކޮށް ބ. އަތޮޅުގައި އާރްޓީއެލްގެ ދަތުރުތައް ވަނީ ފަށާފައެވެ. އެ ވުޒާރާއިން ހިއްސާކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ޖުލައި 28 އިން އޮގަސްޓް 3 އާ ހަމައަށް 451 ފަރާތުން ޚިދުމަތް ހޯދާފައިވެއެވެ. އަދި އޮގަސްޓް 4 އިން އޮގަސްޓް 17 އާ ހަމައަށް 1071 ފަރާތުން ވަނީ ޚިދުމަތް ހޯދާފައެވެ. ޖުމްލަ 1522 ފަރާތަކުން މި ޚިދުމަތް ހޯދާފައިވާކަން މި ތަފާސްހިސާބުތަކުން ވަނީ ހާމަކޮށްފައެވެ.
ބ. އަތޮޅުގައި މި ޚިދުމަތް ފަށާފައިވަނީ ދެ ރޫޓަކަށް ބަހާލައިގެންނެވެ. މި ޚިދުމަތަށް ބޭނުންކުރަނީ ހައި ސްޕީޑް ދެ ފެރީއެވެ. މި ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ، އަތޮޅުގެ ރައްޔިތުންނަށް އެއަރޕޯޓް ޚިދުމަތާއި، އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރިރަށަށް ދަތުރުކުރުމަށް ފަހިވާނެގޮތަށެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ދަތިކަން ހުރި ރަށްތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް، ބ. އަތޮޅުގައިވެސް މި ޚިދުމަތް ފުރަތަމަ ހަފްތާގައި ކުރިއަށް ގެންދިޔައީ އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގައެވެ. މި ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގައެވެ. އާރްޓީއެލްގެ ރޫޓުތަކާއި، ދަތުރުތަކަށް ނަގާ އަގުތައް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން