ފަރުދުން
ފާއިޒްގެ ފަންނުވެރިކަމުގައި ފޮރުވިފައިވާ އިހުސާސް

ކުރެހުންތެރިޔާ އަބްދުﷲ ފާއިޒް ފޮޓޯ: ފަރުދުން
ރާއްޖޭގެ ކުރެހުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ނަމެއް ކަމުގައިވާ ކުރެހުންތެރިޔާ އަބްދުﷲ ފާއިޒްގެ ނިމިގެންމިދިޔަ އައު ކުރެހުންތަކުގެ މައުރަޒު "އިހުސާސް" އަކީ، ހުނަރާއި އިހުސާސް އެކުވެފައިވާ ފުރިހަމަ ދުނިޔެއެކެވެ. މި މައުރަޒުން ފާއިޒްގެ ކުރެހުމުގެ ދުނިޔޭގެ އާ ބާބެއް ފެށިގެން ދިޔަ ކަމީ، އޭނާގެ ހުނަރާއި އުފެއްދުންތެރިކަން އަބަދުވެސް ކުރިއަރަމުންދާކަމުގެ ހެއްކެކެވެ.

ފާއިޒުގެ ކުރެހުމެއް
"އިހުސާސް" މައުރަޒުގައި ފާއިޒް ވޭތުވެދިޔަ ދުވަސްތަކުގައި ފުރިހަމަކޮށްފައިވާ 54 ކުރެހުން ދައްކާލެވުނެވެ. މިހުރިހާ ކުރެހުމެއްވެސް ތައްޔާރުކުރެވިފައިވަނީ އޮއިލް ޕެއިންޓް ބޭނުންކޮށްގެން ކެންވަސްގައެވެ. ކުރެހުންތަކުގެ ފުރިހަމަ ކޮލިޓީއާއި ރީތި ފްރޭމްތަކުން އެކަމުގެ ފުރިހަމަކަން އިތުރަށް ދައްކުވައިދެއެވެ. ބައެއް ކުރެހުންތަކުގައި "ކަށިކެޔޮ" ފަދަ ރާއްޖެއިން ލިބޭ ބައެއް ކެއުމުގެބާވަތްތަކާއި ، "ކަނީރު" މާ ފަދަ ރާއްޖެއިން ފެންނަ އެކި މާމެލާމެލިވެސް ފެނިގެންދިޔައެވެ.
ފާއިޒް ވިދާޅުވިގޮތުގައި، ކުރެހުމަށް އޭނާ ޝައުގުވެރިވީ ވަކި ކޮން ދުވަހަކުން ކަމެއް ބުނަން ނޭނގުނު ނަމަވެސް އެންމެ ކުޑައިރުން ފެށިގެން، ކުޑަކުއްޖެއްގެ ގޮތުގައިވެސް ކުރެހުމަށް އޭނާގެ ހިތުގައި ޝައުގުވެރިކަމެއް ވަނީ އުފެދިފައެވެ. މަދުރަސީ ދައުރުގައިވެސް، ގްރޭޑް 10 ނިމެންދެން ތަފާތު ކުރެހުމުގެ ކްލާސްތަކަށް ގޮސް، އޭނާގެ ހުނަރު ތަރައްޤީކޮށް ކުރިއެރުވުމުގެ ފުރުސަތު ލިބުނެވެ. މިކަމަށް އޮންނަ ޝައުގުވެރިކަމުގެ ސަބަބުން، ދިރިއުޅުމުގެ އެހެން ކަންކަމުގައި އުޅުއްވަމުންވެސް ކުރެހުމަށް އަބަދުވެސް އޭނާ އިސްކަންދެއްވައެވެ.
އަޅުގަނޑު މިއަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކުރެހުން ކޮންޓިނިއުކުރަން އަޅުގަނޑު އެހެންކަމެއް ލައިފްގަ ކުރަމުން ގެންދިޔަސްވެސް
ފާއިޒް
ފާއިޒްގެ މަސައްކަތްތައް ދައްކާލުމުގެ ގޮތުން 2023 ވަނަ އަހަރުވެސް ނެޝަނަލް އާޓް ގެލަރީގައި މައުރަޒެއް ބޭއްވުނެވެ. އެފަހަރުގެ މައުރަޒުގައި ގިނައީ ކުރީގެ މަންޒަރު ދައްކުވައިދޭ ކުރެހުންތަކެވެ. ނަމަވެސް މިއަހަރު ބޭއްވުނު "އިހުސާސް" މައުރަޒުގައި ކުރިއާ މިހާރުގެ ކުރެހުންތަކަށް ވަނީ އިސްކަން ދެއްވާފައެވެ. މި މައުރަޒުން މާލޭގެ ބައެއް ތަންތަން ފަހުގައި ހުރިގޮތާއި ކުރީގައި ހުރި ބައެއް ތަންތަންވެސް ވަނީ ދައްކުވައިދީފައެވެ. މައުރަޒަށް ޒިޔާރަތްކުރި ގިނަ ފަރާތްތަކުން ފާހަގަކުރެއްވިގޮތުގައި، މިފަހަރުގެ ކުރެހުންތަކުގެ ކުލަތައް ރީތިވެފައި، ކުރީގެ މައުރަޒަށްވުރެ މާފުރިހަމައެވެ.
މިފަހަރު އަޅުގަނޑުގެ ކުރެހުންތަކުގެ ކުލަތައް ރީތިވެފަ މިދޔަ މައުރަޒަށްވުރެން މާބޮޑަށް ފުރިހަމަކަމަށް ގިނަބޭފުޅުން ކޮމެންޓް ކުރައްވާފަ ވަނީ
ފާއިޒް
ފާއިޒް ކުރެހުމުގައި ބޭނުންކުރައްވަނީ "އިމްޕްރެޝަނިޒަމް" ކިޔާ ކުރެހުމުގެ ބާވަތެކެވެ. މި ބާވަތް އޭނާ ހިޔާރުކުރެއްވީ އެންމެ ކަމުދާ އަދި އެންމެ ލޯބިކުރާ ވައްތަރުގެ ކުރެހުން ކަމަށްވާތީއެވެ. މިފަދަ ކުރެހުންތަކުގައި ވަކިވަކި ބޮޑެތި ތަފްސީލްތައް ކުރެހުމުގައި ހިމެނުމުގެ ބަދަލުގައި، މުޅި ކުރެހުމަށް ވިސްނައިގެން ކުރަހައެވެ. ދުރުން ބަލާއިރު ކުރެހުން ވަރަށް ތަފްސީލުތަކާއެކު ފެންނައިރު، ކައިރިން ފެންނަނީ "ބްރަޝް ސްޓްރޯކް"ތަކެކެވެ.
ފާއިޒް އާންމުކޮށް ކުރަހަނީ އެތައް ކުރެހުމެއް އެއްފަހަރާއެވެ. ބައެއް ކުރެހުން ނިންމަން ހަފްތާއެއް ނަގާއިރު، ބައެއް ބޮޑެތި ކުރެހުން ނިންމަން މަހެއްހާ ދުވަސްވެސް ނަގާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ކުރެހުމުގެ އެއްބައި ކުރަހާފައި އެހެން ކުރެހުމެއް ފަށާ އެގޮތަށް ގިނަ ކުރެހުންތަކެއް ފަށާ ކުރަހާ ނިންމައެވެ.
އަޅުގަނޑު ދާނީ އެއްކުރެހުމުގެ އެއްބައި ކުރަހާފަ އެބަހައްޓާފަ ދެން އޮތް ކުރެހުމަށް ގޮސް އޭގެން ކުރަހާފަ ބައިވަރު ކުރެހުން އެއްފަހަރާ ކުރަހަނީ
ފާއިޒް
މި މައުރަޒުތަކުގެ އިތުރުންވެސް، ފާއިޒް ޝީގެ ފަރާތުން ބޭއްވުނު ފެއަރއެއްގައި ކުޑަ މައުރަޒެއް ބޭއްވިއެވެ. ނަމަވެސް މިހާ ބޮޑު ސްކޭލެއްގައި މައުރަޒެއް ބޭއްވީ 2023 ގައި ކަމަށް ފާހަގަކުރައްވައެވެ. ގިނަ ބޭފުޅުން ލޯބިކުރައްވަނީ ކުރީގެ މަންޒަރުތަކަށް ކަމަށް ފާއިޒް ވިދާޅުވިއެވެ. އަދި އޭނާގެ ޝައުގުވެރިކަންވެސް ކުރީގެ މަންޒަރުތައް ކުރެހުމަށް ހުރިކަން ފާހަގަކުރެއްވިއެވެ.
މައުރަޒަށް ވަޑައިގަންނަވާ ބޭފުޅުންނާ ސުވާލުކުރައްވައިގެން، ކޮންކަހަލަ ކުރެހުމެއްތޯ އެބޭފުޅުންނަށް ބޮޑަށް ކަމުދިޔައީ ބައްލަވައެވެ. ގިނަ ވަގުތު މައުރަޒުގައި ހުންނަވައިގެން މީހުންގެ ހިޔާލު ހޯއްދަވައެވެ. އެގޮތުން ލިބޭ މައުލޫމާތާއި ހިޔާލުތަކުން ކުރިއަށް އޮތްތަނުގައި އިތުރު މައުރަޒު ބާއްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކުރެހުމުގެ ދާއިރާގެ ފުންނާބުއުސް ވަރަށް ގިނަ ބޭފުޅުންގެ ހިޔާލު ހޯއްދަވައި، އެބޭފުޅުންނާއެކު ކަންކަމާ ވާހަކަ ދައްކައިގެން ކުރިއަށް އޮތްތަނުގައި މިކަން އިތުރަށް ފުޅާކުރައްވާނެކަމަށް ފާއިޒް ވިދާޅުވިއެވެ.
ވަރަށް ގިނަ ބޭފުޅުންނާއި ވާހަކަ ދައްކާ ވަރަށް ގިނަ ވަގުތު އެކްޒިބިޝަންތެރޭ އުޅެގެން ބައްދަލުކުރަން ، އެގޮތުން ލިބިފައި ހުންނަ މައުލޫމާތާ އެބޭފުޅުންގެ ސަޖެސްޝަންއާއި އެއްގޮތަށް ދެން އަޅުގަނޑު ކުރިއަށް އޮތްތާގައިވެސް އެގްޒިބިޝަން ބާއްވަމުން ދާނީ
ފާއިޒް
ފާއިޒް އުންމީދުކުރައްވަނީ ހާއްސަކޮށް ޒުވާނުންނަށް، މިހާރު ފެންނަން ނެތް ނަމަވެސް ކުރީގައި މާލޭގައި ހުރި ތަންތަން ހުރިގޮތް ބަލާލުމާއި، އެތަންތަނުގެ އިހުސާސް ލިބުމެވެ. މީގެއިތުރުން، ކުރީގެ ގަނޑުވަރެއްގެ ބައެއްގައި އާޓް ގެލަރީ މިހާރު ހަދާފައިވާކަން ފާހަގަކުރައްވައި، ބައެއް ކުރެހުމުގައިވެސް ގަނޑުވަރުގެ މަންޒަރު ހުންނާނެކަން ފާއިޒް ފާހަގަކުރެއްވިއެވެ.

ފާއިޒުގެ ކުރެހުމެއް
ކުރެހުމުގެ ރޮނގުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ފާއިޒް ވިދާޅުވީ، ކުރެހުމުގެ ބޭސިކް މައުލޫމާތު ހޯދައި، ބޭސިކް އުނގެނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އޭގެފަހުން އެކަމުގައި ދެމިހުންނަށް ޖެހޭނެކަމަށާއި، އެއްދުވަހު ކުރަހާ މީހަކަށް ވެފައި އަނެއްދުވަހު އެހެން ކަމެއް ކުރާ މީހަކަށް ވެފައި، އެއްކަމުން އަނެއްކަމަކަށް އަވަސްއަވަހަށް ބަދަލުވާނަމަ ކުރިއެރުން ހޯދަން ފަސޭހަ ނުވާނެކަން ފާއިޒް ވިދާޅުވިއެވެ. މައުލޫމާތު އެނގިގެން، މިކަމާ ބެހޭ ކޮންމެވެސް ތައުލީމެއްވެސް ހުރެ މަސައްކަތް ކުރަމުން ގެންދިޔައީމާ ރަނގަޅުވާނެކަމަށް ފާއިޒް ވިދާޅުވިއެވެ. އަދި އިންޓަރނެޓްގެ ޒަރީއާއިން މައުލޫމާތު ހޯދައި، ކުރެހުމުގެ އިތުރުން އެހެން ކަންކަންވެސް ކުރުމުގެ ހުނަރު ހޯދޭން މަގު ތަނަވަސްވެފައިވާކަމުން އެކަމުގެ ބޭނުން ހިފައިގެން ކުރިއަށް ދިއުމަށް ފާއިޒް ވަނީ ވިދާޅުވެފައެވެ.
އެއްދުވަހު އަޅުގަނޑުމެން ކުރަހާ މީހަަކަށް ވެފަ އަނެއް ދުވަހު ކޮންމެސް އެހެން ކަމެއް ކުރާ މީހަކަށް ވެފަ އެހެން އެއްތަނުން އަނެއްތަނަށް އަޅުގަނޑުމެން ދުވާކަމަށް ވަންޔާ އެހާ ބޮޑު ކުރިއެރުމެއް ހޯދާކަށް ފަސޭހައެއް ނުވާނެ
ފާއިޒު
މައުރަޒަށް ޒިޔާރަތްކުރި ބޭފުޅުންނާއި، ކުރެހުންތަކަށް ފާޑުވިދާޅުވި ފަރާތްތަކަށް، އަދި މީޑިއާގެ ފަރާތްތަކުން މިކަމަށް ޝައުގުވެރިކަން ދެއްވިކަމަށް ފާއިޒް ޝުކުރު ދެންނެވިއެވެ. ފާއިޒްގެ "އިހުސާސް" މައުރަޒަކީ، އޭނާގެ ހުނަރާއި ހިތްހަމަޖެހުމުގެ ތަރުޖަމާއެކެވެ. މިފަދަ މަސައްކަތްތަކުން ދިވެހި ފަންނާނުންނަށް އިތުރު ހިތްވަރެއް ލިބި، ރާއްޖޭގެ އާޓްގެ ދާއިރާ އިތުރަށް ކުރިއަރާނެކަމަށް އުންމީދުކުރެވެއެވެ.