ދުނިޔެ
އިސްރާއީލްގެ ޔަހޫދީންގެ ބަޔަކު ސީރިއާގެ ދެކުނުގައި އާބާދީއެއް ޤާއިމްކުރަން މަސައްކަތްކޮށްފި

އިސްރާއިލްގެ ޓޭންކަރެއް ސީރިއާގެ ބިމުގައި
· އިސްރާއިލްގެ ޔަހޫދީންގެ ބަޔަކު ސީރިއާގެ ދެކުނުގައި އާބާދީއެއް ޤާއިމްކުރަން މަސައްކަތްކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ "ޔިސްރާއީލް ހަޔޯމް" ކިޔާ ނޫހެއްގައެވެ. އެނޫހުގައި ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލްގެ ޔަހޫދީ ބަޔަކު ސީރިއާގެ ދެކުނުގައި އާބާދީއެއް ޤާއިމްކުރަން މަސައްކަތްކޮށް، "ގްރޭޓަރ އިސްރާއީލް" ގެ ޝިއާރު އުފުލައިފިއެވެ.
އިއްޔެ ހަވީރު އެނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 10 އަށްވުރެ ގިނަ އިސްރާއީލްގެ ޔަހޫދީން "އަލޯނީ ހަބްޝަން" ގެ ނަމުގައި ސީރިއާގެ ދެކުނުގައި އާބާދީއެއް ޤާއިމްކުރަން މަސައްކަތްކޮށްފައިވެއެވެ. މި ޔަހޫދީންގެ ބައިގަނޑުން ސީރިއާގެ ސަރަހައްދަށް ވަދެ، އާބާދީއެއް ޤާއިމްކުރަން މަސައްކަތްކުރި ނަމަވެސް، އިސްރާއީލް ސިފައިން އެ މީހުން އިސްރާއީލަށް އަނބުރާ ފޮނުވާލާފައިވެއެވެ.
އިސްރާއީލްގެ ލިޔުންތެރިއެއް ކަމަށްވާ ޔަނޯން ޝަލޯމް ޔަތަހް، އެކްސް ޕްލެޓްފޯމްގައި ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގެ އާބާދީއެއްގައި ދިރިއުޅޭ އިސްރާއީލް އާއިލާއެއް ސީރިއާގެ ސަރަހައްދަށް ވަދެ، ގޯލަން ހައިޓްސް ކައިރީގައި އާބާދީއެއް ޤާއިމްކުރަން މަސައްކަތްކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލު އަދި ސީރިއާއިން އެއްވެސް ބަޔާނެއް ނެރެފައި ނުވިޔަސް، މިއީ އިސްރާއީލުން ސީރިއާގައި ކުރަމުންދާ ޤަވާއިދުތަކާ ޚިލާފު ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލެވެ. އިސްރާއީލުން ވަނީ 1974 ގައި ސީރިއާއާއެކު ވެފައިވާ ބާރުތައް ވަކިކުރުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އިޢުލާންކޮށްފައެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު 8 އިން ފެށިގެން އޮތް ސީރިއާގެ އައު ސަރުކާރުން އިސްރާއީލަށް އެއްވެސް ބިރެއް ކުރިމަތިކޮށްފައި ނުވި ނަމަވެސް، އިސްރާއީލީ ސިފައިން ވަނީ ސީރިއާގެ ސަރަހައްދަށް ތަކުރާރުކޮށް ވަދެ، އެތައް އާންމު ރައްޔިތުންނެއް މަރާލައި، އަސްކަރީ މަރުކަޒުތަކާއި، ހަތިޔާރާއި ވަޞީލަތްތައް ހަލާކުކޮށްފައެވެ.