Ads by Stelco

ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ "ތެވެލި" ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ޤައުމީ ޔުނިވަރސިޓީގެ "ތެވެލި" ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ތެވެލި ކޮންފަރެންސް ފެށުން. ފޮޓޯ: އެކްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޯގަސްޓު 2025، 04:09

19 އޯގަސްޓު 2025، 04:09

ދިރާސާ ކަރުދާހާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ތެވެލި" ބައިނަލްއަޤްވާމީ ކޮންފަރެންސް މިއަދު ފަށައިފިއެވެ. 

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ "އިވޯލްވިންގ ޕެރެޑައިމްސް: މަރޖިންގ ރިސަރޗް އެވިޑެންސް އެންޑް ޕްރެކްޓިކްސް" އެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލެވެ. މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝައުޤީއާއި، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ކޮންފަރެންސްގެ ބައިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދީފައިވާ ގޮތުގައި ތެވެލި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ދިރާސާކުރާ ފަރާތްތަކަށް އެމީހުންގެ ހޯދުންތައް ހުށަހެޅުމުގެ ފުރުޞަތު ހޯދައިދިނުމާއި، ދަރިވަރުންގެ މެދުގައި ދިރާސާކުރުމުގެ ސަގާފަތެއް އަށަގެންނެވުމެވެ. 

މީގެ އިތުރުން، ރާއްޖޭގެ ދިރާސާވެރިންނާއި ބޭރުގެ ފުންނާބު އުސް ދިރާސާވެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، ދިރާސާކުރުމުގެ އާ ގޮތްތަކާއި ޚިޔާލުތަކަށް މަގުފަހިކޮށްދިނުމެވެ.

ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް ވިދާޅުވިގޮތުގައި މިއަހަރުގެ ކޮންފަރެންސްގައި ފުރަތަމަ ފަހަރަށް 'ސްޓޫޑެންޓް ސިމްޕޯސިއަމް' އެއް ވަނީ ތަޢާރަފުކޮށްފައެވެ. މިއީ ޒުވާން ދިރާސާވެރިންނަށް ކުޑައިރުއްސުރެ ދިރާސާކުރުމަށް ބާރުއަޅައި، ސުވާލުކުރުމަށް ހިތްވަރުދީ، އެމީހުންގެ ހޯދުންތައް ހިއްސާކުރުމަށް ފުރުޞަތު ހުޅުވާލުމަށް ކުރެވުނު މަސައްކަތެކެވެ.

އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ކޮންފަރެންސަށް ޖުމްލަ 237 ދިރާސާ ހުށަހެޅުނު އިރު، އޭގެ ތެރެއިން 198 ދިރާސާ ވަނީ ޤަބޫލުކުރެވިފައެވެ. މިއީ މިދިޔަ އަހަރަށްވުރެ 31 ދިރާސާ އިތުރު އަދަދެކެވެ. އޮގަސްޓް 18 އިން 21 އަށް ކުރިއަށްދާ މި ކޮންފަރެންސްއަކީ ތެވެލި ބާއްވާ 8 ވަނަ އަހަރެވެ.

 


 

Ads by MSS

މި ލިޔުން ކިޔާލުމުން