ދުނިޔެ

އިސްރާއިލްގެ އަނިޔާވެރިކަން ހުއްޓުވުމަށް ބާރުއެޅުމަށް ހަމާސްއިން މުޅި ދުނިޔެއަށް ގޮވާލައިފި

އިސްރާއިލްގެ އަނިޔާވެރިކަން ހުއްޓުވުމަށް ބާރުއެޅުމަށް ހަމާސްއިން މުޅި ދުނިޔެއަށް ގޮވާލައިފި

ޣައްޒާގެ ދެޝަހީދެއްގެ މައްޗަށް ކަށުނަމާދު ކުރަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޯގަސްޓު 2025، 04:34

19 އޯގަސްޓު 2025، 04:34

އިސްރާއިލްގެ އަނިޔާވެރިކަން ހުއްޓުވުމަށް ބާރުއެޅުމަށް ހަމާސްއިން މުޅި ދުނިޔެއަށް ގޮވާލައިފިއެވެ. 

އިންސާނީ އެހީގެ ދުވަހާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައި، ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާއި ބަނޑަހައިހޫނުކަމުގެ ޖަރީމާ ހުއްޓުވުމަށާއި އެ ސަރަހައްދުގެ ބޯޑަރުތައް ހުޅުވުމަށް އިސްރާއީލަށް ވީހާވެސް ބޮޑަށް ބާރުއެޅުމަށް ގޮވާލައިފިއެވެ.

އދ އާއި ދުނިޔޭގެ ޤައުމުތަކުން ފާހަގަކުރާ މި ދުވަސް އަންނަނީ، އިސްރާއީލުން 22 މަސްދުވަހަށްވުރެ ގިނަ ދުވަހު ދެ މިލިއަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންނަށް ދެމުންގެންދާ އަނިޔާވެރިކަމާއި ބަނޑަހައިހޫނުކަމުގެ ތެރޭގައި ކަމަށް ހަމާސްއިން ފާހަގަކޮށްފައިވެއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އދ ގެ ޤަރާރުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގޮވާލުންތަކަށް އިހާނެތިކޮށް ކަނޑައެޅިގެން ޣައްޒާގެ ސިއްހީ ދާއިރާ ފުނޑާލުމަށްޓަކައި ބޭސްފަރުވާގެ ތަކެއްޗާއި މެޑިކަލް ސަޕްލައިސް ވެއްދުން މަނާކޮށްފައިވާކަމަށް ހަމާސްއިން ބުނެފައިވެއެވެ.

އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ހަމައެކަނި ކުށްވެރިކުރުމުގެ ބަޔާންތައް ނެރުމަކީ މިހާރު އެކަށީގެންވާ ކަމެއް ނޫންކަމަށް ހަމާސްއިން ބުނެފައިވެއެވެ. އަދި އެހީތެރިކަން ފޯރުކޮށްނުދިނުމާއި ބަނޑަހައިހޫނުކަން ދެމެހެއްޓުމުގެ ސީދާ ޒިންމާ އުފުލަންޖެހޭނީ އެމެރިކާ ސަރުކާރުން ކަމަށްވެސް ހަމާސްއިން ބުނެފައިވެއެވެ.

އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން މިހާތަނަށް 62,000 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެ، 156,230 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެއިތުރުން 9,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އެތައް ހާސް މީހުން ހިޖުރަކުރަން މަޖުބޫރުވެފައިވެއެވެ. އަދި ބަނޑަހައިހޫނުކަމުގެ ސަބަބުން 263 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 112 ކުޑަކުދިން ހިމެނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން