ދުނިޔެ
އީރާނާއި އިސްރާއީލާ ދެމެދު ކޮންމެ ވަގުތަކުވެސް އަލުން ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރުދީފި

އީރާނަށް ހަމަލާދީފައިވާ ތަނެއް ފޮޓޯ: އިންޓަނެޓް
މެދުއިރުމަތީގެ ސަލާމަތީ ހާލަތު ނާޒުކުވެ، އީރާނާއި އިޒްރޭލާ ދެމެދު ކޮންމެ ވަގުތަކުވެސް އަލުން ހަނގުރާމައެއް ފެށިދާނެ ކަމަށް އީރާނުގެ އިސް ވެރިން އިންޒާރު ދެއްވައިފިއެވެ. ޖޫން މަހު ހިނގި ހަނގުރާމައަށް ފަހު މިހާރު އޮތް ހަމަޖެހުމަކީ ހަމައެކަނި ވަގުތީ މަޑުޖެހުމެއް ކަމަށާއި، ހަގީގީ ސުލްހައެއް ނޫން ކަމަށް އެމީހުން ބުނެއެވެ.
އީރާނުގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރެޒާ އާރެފް ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ، އީރާނަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގެންދާ ގައުމެއް ނޫން ކަމަށެވެ. އެއަށްވުރެ ބޮޑަށް އެއީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލާފައި އޮތުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަނގުރާމައަށް ކޮންމެ ވަގުތަކުވެސް ތައްޔާރުވެފައި ތިބެންޖެހޭ ކަމަށް އާރެފް ވަނީ ވިދާޅުވެފައެވެ.
މި ބަޔާން ނެރެފައިވަނީ ޖޫން މަހު ހިނގި ލޭ އޮހޮރުވުމުގެ 12 ދުވަހުގެ ހަނގުރާމައަކަށް ފަހުއެވެ. އެ ހަނގުރާމައިގައި އިޒްރޭލުގެ ސިފައިން ވަނީ އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ މަރުކަޒުތަކުގެ އިތުރުން ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮން އަޅާފައެވެ. މި ހަމަލާތަކުގައި އެއްހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި އެންމެ އިސް ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންސްވެރިންވެސް ހިމެނެއެވެ.
އީރާނުން މިކަމުގެ ބަދަލު ހިފީ އިޒްރޭލްގެ ތެރެއަށް މިސައިލާއި ޑްރޯން ހަމަލާތައް ދީގެންނެވެ. މި ހަމަލާތަކުގައި އެތައްހާސް މީހުން މަރުވިއެވެ. ފަހުން އެމެރިކާވެސް މި ހަނގުރާމައާ ގުޅި، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދިނެވެ. ދެދުވަސް ފަހުން ވޮޝިންޓަންއިން ހަނގުރާމަ ހުއްޓާލާފައިވާ ކަމަށް އިއުލާން ކުރި ނަމަވެސް، ލިޔުމުން އެއްވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ. މިކަމުގެ ސަބަބުން މިހާރުގެ ހާލަތަކީ ނޭނގޭ ހާލަތެއް ކަމަށް ވަނީ ވެފައެވެ.
އާދިއްތަ ދުވަހު، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ ޢަލީ ޚާމިނާއީގެ އިސް އަސްކަރީ އެޑްވައިޒަރު ޔަޙްޔާ ރަޙީމް ސަފަވީވެސް ވަނީ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އީރާނުން ތައްޔާރުވަމުންދަނީ "އެންމެ ނުރައްކާތެރި ހާލަތަށް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އީރާނާއި، އިޒްރޭލާއި، އެމެރިކާއާ ދެމެދު އެއްވެސް އެއްބަސްވުމެއް ނުވަތަ ރަސްމީ ގަވާއިދެއް އަދި ނުހަދައެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެންވެސް ނުތަނަވަސްކަން ބޮޑުވެފައިވެއެވެ. ހުޅަނގުގެ ގައުމުތަކުން ތެހެރާނަށް ތުހުމަތު ކުރަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އީރާނުން އެ ތުހުމަތު ދޮގުކުރެއެވެ. އދ.ގެ ނިއުކްލިއަރ ބެލެހެއްޓުމުގެ އިދާރާއިން ވަނީ އީރާނުން ޔުރޭނިއަމް 60 އިންސައްތައަށް ސާފުކުރަމުންދާ ކަން ކަށަވަރުކޮށްދީފައެވެ. މި މިންވަރަކީ 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުގައި ކަނޑައަޅާފައިވާ 3.67 އިންސައްތައިގެ ހައްދަށްވުރެ މާ މަތިވެ، ހަތިޔާރަށް ބޭނުންވާ 90 އިންސައްތައިގެ ސިފައާ ވަރަށް ގާތް މިންވަރެކެވެ.
އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ޖަރުމަނުން މި ފަހުން ވަނީ 2015 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން އުފުލާލި ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އެކަން ވެއްޖެނަމަ "ސީރިއަސް ނަތީޖާތަކެއް" އޭގެން ފެންނާނެ ކަމަށް އީރާނުގެ އޮފިޝަލުން ވަނީ އިންޒާރު ދީފައެވެ. އަދި ބައިނަލްއަގުވާމީ ފިއްތުން ބޮޑުވެއްޖެނަމަ ނިއުކްލިއަރ ނޮން ޕްރޮލިފެރޭޝަން އެއްބަސްވުމުން ތެހެރާން ވަކިވެދާނެ ކަމުގެ އިޝާރާތެއްވެސް އެމީހުން ވަނީ ކޮށްފައެވެ.