ކުޅިވަރު
އޮޓޮޕެނީގައި ރާއްޖޭގެ ފެތުމުގެ ދެ ރެކޯޑެއް ލޫތު އާކޮށްފި

ލޫޠު މުޙައްމަދު ޙުސައިން ---
ރުމޭނިއާގެ އޮޓޮޕެނީގައި މިހާރު ކުރިޔަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ، ލޫޠު މުޙައްމަދު ޙުސައިން ރާއްޖޭގެ ފެތުމުގެ ދެ ރެކޯޑެއް އާކޮށްފިއެވެ.
އެގޮތުން އޭނާ އާކޮށްފައި ވަނީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑާއި އަދި ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑެވެ.
ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑު ލޫތު އާކުރީ 01:10.95 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު އޮތް 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މުބާލް ޢައްޒާމް އިބްރާޙީމްއެވެ. އެ ފަހަރު މިއިވެންޓު މުބާލް ފުރިހަމަކޮށްފައިވަނީ 01:14.58 އިންނެވެ.
އަދި ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ރެކޯޑު އޭނާ އާކުރީ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:32.67 އިން ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ރެކޯޑު ވެސް ކުރިން އޮތީ މުބާލް ޢައްޒާމް އިބްރާޙީމްގެ އަތުގައެވެ. އޭނާ އެ ފަހަރު ރޭސް ނިންމީ 00:33.24 އިންނެވެ.
މިއީ ރާއްޖޭގެ ފެތުމުގެ ރެކޯޑެއް ލޫތު އާކުރި ފުރަތަމަ ފަހަރެވެ.
ޖޫނިއަރ ފެތުންތެރިންނަށް ބާއްވާ ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2025ގައި ވާދަކުރުމަށް ރާއްޖޭގެ 16 ފެތުންތެރިން ވަނީ ރުމޭނިއާއަށް ގޮސްފައެވެ. މި މުބާރާތް ކުރިޔަށް ދާނީ އޮގަސްޓް 19-24 އަށް އޮޓޮޕެނީގެ އެކުއެޓިކްސް ކޮމްޕްލެކްސްގައެވެ.