ޚަބަރު
މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާ މަޖިލިސް ޗުއްޓީއަށް

މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.
މި ދައުރުގެ އެންމެ ފަހު ޖަލްސާ ބޭއްވިފައިވަނީ އަންގާރަ ދުވަހުއެވެ.
މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދައުރުގައި ޖުމްލަ 27 ޖަލްސާ ބާއްވާފައިވާއިރު، އެއީ 46 ގަޑިއިރުގެ މަސައްކަތެވެ. މީގެއިތުރުން، ކޮމިޓީތަކުގެ 127 ބައްދަލުވުން ބޭއްވިފައިވާއިރު، މި ބައްދަލުވުންތަކުގައި 91 ގަޑިއިރާއި 29 މިނެޓު ހޭދަކޮށްފައިވެއެވެ.
މި ދައުރުގައި 24 ބިލެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. ނިމުނު މުހިންމު ބިލުތަކުގެ ތެރޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.
މި ދައުރުގައި 6 ކުއްލި މައްސަލައެއް ހުށަހެޅި، އެ ހުރިހާ މައްސަލައެއްގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. އަދި މެންބަރުން ވަޒީރުންނާ ކުރެއްވުމަށް 77 ސުވާލު ހުށަހަޅުއްވާފައިވާއިރު، 8 ސުވާލުގެ މަސައްކަތް ވަނީ ނިމިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ އަދި އެންމެ ފަހު ދައުރުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގައެވެ. އަދި އެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.