ކުޅިވަރު
ހަތަރެއް ގުނަ 200 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު އާކޮށްފި

ހަތަރެއް ގުނަ 200 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު އާކުރުން--

ފަރުދުން
20 އޯގަސްޓު 2025، 10:44
20 އޯގަސްޓު 2025، 10:44
މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އަންހެނުންގެ، ލޯންގްކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ.
ރާއްޖޭގެ ފެތުންތެރިން މި ރެކޯޑު އާކުރީ 10:09.97 އިން ރޭސް ނިންމައިގެންނެވެ.
މި ރޭހުގައި ރާއްޖެ ތަމްސީލުކުރި ފެތުންތެރިންނަކީ މިރާލް ޢައިން ލަޠީފް، އަމްނާ ތަޒްކިޔާ މިރުޞާދު، ލައިބާ ޙަސަންމަނިކު އަދި ޢަޔާނާ ޢަރީފްއެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2023 ވަނަ އަހަރު އޮތް 19 ވަނަ އޭޝިއަން ގޭމްސްގައި 10.50.31 އިން ނިންމައިގެންނެވެ. އެ ފަހަރު ޤައުމީ ރެކޯރޑް އާކުރި ޓީމުގައި ވެސް މި ފަހަރުގެ ޓީމުގައި ހިމެނުނު މިރާލް ޢައިން ލަޠީފް ހިމެނެއެވެ. ދެން އެ ޓީމުގައި ހިމެނުނީ ޙަނާން ޙުސައިން ޙަލީމް، ޙަމްނާ އަޙްމަދު އަދި އީން އައްބާސް ޝަރީފްއެވެ.
ރޮމޭނިއާގައި މިހާރު ކުރިޔަށްދާ މުބާރާތުގައި ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑާއި، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑުގެ އިތުރުން، އަންހެނުންގެ ލޯންގް ކޯސް ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު ވެސް ވަނީ އާކޮށްފައެވެ.