ކުޅިވަރު / ދުނިޔެ
ފަލަސްތީނުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އަލް-ޝައުލާން ޝަހީދުވެއްޖެ

ލަސްޠީނުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ޝަހީދު މުހައްމަދު އަލް-ޝައުލާން
ހުލާސާ
ފަލަސްޠީނުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އަލް-ޝައުލާން އިސްރާއިލްގެ ހަމަލާއެއްގައި ޝަހީދުވެއްޖެއެވެ.
"ޒަލްޒާލް" ގެ ނަމުންވެސް މަޝްހޫރު މުހައްމަދު ޝަހީދުވީ ހާން ޔޫނިސްގައި އިންސާނީ އެހީ ހޯދަން އުޅުނު ވަގުތު އިސްރާއިލް ސިފައިންގެ ވަޒަން އަމާޒުވެގެންނެވެ.
ޝަހީދު މުހައްމަދު އަލް-ޝައުލާން އިންސާނީ އެހީ ހޯދަން މަސައްކަތްކުރީ އޭނާގެ ދަރިންނަށް ކާންދިނުމަށްޓަކައެވެ. އޭގެ ތެރޭގައި ކިޑްނީ ފެއިލްވެ، ލޭގައި ޕޮއިޒަން އަށަގެންފައިވާ އޭނާގެ ދަރިފުޅު މަރިޔަމްގެ ބޭސްފަރުވާއަށް ބޭނުންވާ ތަކެތިވެސް ހިމެނެއެވެ.
ހިދުމާތުލް ބުރައިޖް ކްލަބުގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އަލް-ޝައުލާންއަކީ ފަލަސްޠީނުގެ އެންމެ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. އޭނާވަނީ ގިނަ ޢަރަބި އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ފަލަސްތީނު ތަމްސީލުކޮށްފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ އިތުރު ދެ ކުޅިވަރު ދެތަރިއަކު ވަނީ ޝަހީދުވެފައެވެ. އެއީ ޝަބާބު ރަފާ ކްލަބުގެ އިކުއިޕްމަންޓް ސެކްޝަންގެ އިސްވެރިޔާ ސާލިމް އައް-ޝާއިރު (26 އަހަރު) އާއި ކުރީގެ އަލް-ސަލާހު ސްޕޯޓްސް ކްލަބުގެ ތަރި އަހުމަދު އަލް-ޖައުރާނީ (40 އަހަރު) އެވެ.
މިހާތަނަށް ފަލަސްޠީނުގެ ކުޅިވަރު ދާއިރާއިން ގާތްގަނޑަކަށް 670 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 340 އަށްވުރެ ގިނަ ފުޓްބޯޅަ ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން ޣައްޒާ އާއި ވެސްޓް ބޭންކުގައި 288 ކުޅިވަރު އަދި ސްކައުޓް ވަސީލަތްތައް އިސްރާއީލުން ވަނީ ހަލާކުކޮށްލާފައެވެ.