ޚަބަރު
ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައިފި

ތޮއްޑޫ ފުލުހުންގެ މަރުކަޒުގައި ބިންގާއެޅުން. ފޮޓޯ: ރައީސް އޮފީސް
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. މި ރަސްމިއްޔާތުގައި ތޮއްޑޫ ކައުންސިލުގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ތޮއްޑޫގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އާރުޑީސީއާ ޙަވާލުކޮށްގެންނެވެ.
ސަރުކާރުން މި ވަގުތު އަމާޒު ހިފާފައިވަނީ އަންނަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މިހާރުވެސް ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ މިހާރު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމެވެ.