ދުނިޔެ

ކުރިން ބޭނުންކުރި މިސައިލްތަކަށްވުރެ ބާރުގަދަ މިސައިލްތަކެއް ތަރައްޤީކޮށްފިން : އީރާން

ކުރިން ބޭނުންކުރި މިސައިލްތަކަށްވުރެ ބާރުގަދަ މިސައިލްތަކެއް ތަރައްޤީކޮށްފިން : އީރާން

އީރާން އިން ތައްޔާރުކޮށްފައިވާ އެއް މިސައިލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޯގަސްޓު 2025، 02:54

20 އޯގަސްޓު 2025، 02:54

އިސްރާއީލުގެ ހަމަލާއަކަށް އިރާނުން ތައްޔާރުވެފައިވާ ކަމަށާއި، ފާއިތުވި 12 ދުވަހުގެ ހަނގުރާމައިގައި ބޭނުންކުރި މިސައިލްތަކަށްވުރެ ބާރުގަދަ މިސައިލްތަކެއް ތަރައްޤީކޮށްފައިވާ ކަމަށް ބުދަ ދުވަހު އިރާނުން ބުނެފިއެވެ.

ރަސްމީ އިރުނާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާނުގެ ދިފާޢީ ވަޒީރު ޢަޒީޒް ނައްސިރުޒާދެ ވިދާޅުވީ، "12 ދުވަހުގެ ހަނގުރާމައިގައި ބޭނުންކުރި މިސައިލްތައް އުފެއްދީ ބައެއް އަހަރުތައް ކުރިން. މިއަދު އަޅުގަނޑުމެން ވަނީ ކުރީގެ މިސައިލްތަކަށްވުރެ މާ ބޮޑު ގާބިލިއްޔަތުތަކެއް ހުރި މިސައިލްތަކެއް އުފައްދައި، އެ މިސައިލްތައް މިލްކުކޮށްފައި. އަދި ޒަޔަނިސްޓު ދުޝްމަނުން އަލުން އެފަދަ ނުރައްކާތެރި ހަމަލާތަކެއް ފަށައިފިނަމަ، އަޅުގަނޑުމެން އެ މިސައިލްތައް ބޭނުންކުރާނެކަން ޔަގީން."

މިދިޔަ ޖޫން މަހުގެ މެދުތެރޭގައި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުން، ހަނގުރާމައެއް ފެށިގެން ދިޔައެވެ. މި ހަނގުރާމައިގައި އިރާނުން ވަނީ މިސައިލް އާއި ޑްރޯން ބޭނުންކޮށްގެން ރައްދު ހަމަލާތައް ދީފައެވެ. އިޒްރޭލުން ދިން ހަމަލާތަކުގައި އިރާނުގެ އިސް އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި، އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. މި ހަމަލާތަކުގައި އަސްކަރީ ސަރަހައްދުތަކާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ގެއްލުންތައް ލިބިފައިވެއެވެ. މި ހަނގުރާމައަށް މުޅިން ކުރު މުއްދަތަކަށް އެމެރިކާ ވެސް ވަނީ އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދީ ބައިވެރިވެފައެވެ.

އިރާނާއި އިސްރާއީލާއި ދެމެދު ޖޫން 24 ވަނަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިރާނުގެ އޮފިޝަލުން ވަނީ ހަނގުރާމަ ކޮންމެ ވަގުތެއްގައި ވެސް ފެށިދާނެ ކަމުގެ އިންޒާރު ދީފައެވެ. ތެހެރާނުން ހަނގުރާމައެއް ނޭދޭ ކަމަށް ބުނެފައިވީ ނަމަވެސް، ކޮންމެ ކުރިމަތިލުމަކަށް ވެސް ތައްޔާރަށް ތިބޭ ކަމަށް އެމީހުން ބުނެއެވެ. ހޯމަ ދުވަހު އިރާނުގެ ފަސްޓް ވައިސް ޕްރެޒިޑެންޓް މުޙައްމަދު ރެޒާ ޢާރިފް ވިދާޅުވީ، އިރާނު "ކުރިމަތިލުމަށް ކޮންމެ ވަގުތެއްގައި ވެސް ތައްޔާރުވެފައި" އޮންނަން ޖެހޭނެ ކަމަށެވެ. "މިހާރު  މިއޮތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނޫން؛ ހަމައެކަނި ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އިރާނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިރާނުގެ ލަޝްކަރުން ބުރާސްފަތި ދުވަހުން ފެށިގެން ދެ ދުވަހުގެ އަސްކަރީ ތަމްރީނެއް ފަށަން ނިންމާފައިވެއެވެ. މި ތަމްރީނުގައި ކުރު އަދި މެދުރާސްތާގެ ގިނަ އަދަދެއްގެ ކްރޫޒް މިސައިލްތައް ބޭނުންކުރާނެއެވެ. އިރާނުގެ މިސައިލް ޕްރޮގްރާމަކީ ސަރަހައްދީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެ، ހުޅަނގުގެ ސަރުކާރުތަކުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދިޔަ ޖުލައި މަހު ފްރާންސުން ވަނީ ތެހެރާނާއެކު ނިއުކްލިއަރ ޕްރޮގްރާމްގެ އިތުރުން މިސައިލް ޕްރޮގްރާމް އަދި ސަރަހައްދީ މަޤްސަދުތައް ވެސް ހިމެނޭ "ކޮމްޕްރިހެންސިވް އެއްބަސްވުމެއް" އެކުލަވާލުމަށް ގޮވާލާފައެވެ. ނަމަވެސް، އިރާނުން ބުނަމުންދަނީ އެ ގައުމުގެ އަސްކަރީ ގާބިލިއްޔަތުކަމާއި މެދު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން