Ads by Stelco

ޚަބަރު

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފި

އައްޑޫ ސިޓީގައި ގާއިމުކުރެވިފައިވާ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ފޮޓޯ:އޭއީއެޗް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޯގަސްޓު 2025، 03:47

20 އޯގަސްޓު 2025، 03:47

އައްޑޫ ސިޓީގައި ގާއިމުކުރެވިފައިވާ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން، އެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، މުހިންމު ދެ ޚިދުމަތެއް މިހާރު ދޭން ފަށާފައިވާކަމަށް އިއުލާނުކޮށްފިއެވެ. މީގެ އިތުރުން، ނިއުރޮލޮޖީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މިހާރު އެ ހޮސްޕިޓަލުން ނާރުގެ ބަލިތަކަށް ޚާއްސަ (ނިއުރޮލޮޖީ) ޑޮކްޓަރުންގެ ޚިދުމަތް ތަޢާރަފްކުރުމަށް ވަނީ ތައްޔާރުވެފައެވެ. މިއީ ސިކުނޑިއާއި، ނާރުތަކާއި، ގުޅުންހުރި ބަލިތަކަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. ޚާއްސަކޮށް، ސްޓްރޯކް ، އެޕިލެޕްސީ ، ނާރު ފުއްޕުން، އަދި ބޮލުގެ ރިހުން ފަދަ ބަލިތަކަށް އައްޑޫއާއި ކައިރީގައިވާ އަތޮޅުތަކުގެ ރައްޔިތުންނަށް މާލެއަށް ދަތުރުނުކޮށް ގާތުން ޚިދުމަތް ލިބޭނެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ވަގުތާއި ފައިސާގެ ގޮތުން ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އެހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.

މިދިޔަ މަހުން ފެށިގެން އެހޮސްޕިޓަލުން ފޯރުކޮށްދޭން ފަށާފައިވާ އެންޑޮކްރިނޮލޮޖީގެ ޚިދުމަތަކީވެސް މުޖުތަމަޢުގައި އާންމުވެފައިވާ ހޯމޯންއާއި މެޓަބޮލިކްގެ ބަލިތަކަށް ވަރަށް ބޭނުންތެރި ޚިދުމަތެކެވެ. މި ބަލިތަކުގެ ތެރޭގައި ހަކުރުބަލި (ޑައިބެޓީސް)، ތައިރޮއިޑްބަލި އަދި ހޯމޯންއާ ގުޅުންހުރި އެހެނިހެން ބަލިތައް ހިމެނެއެވެ. މި ޚިދުމަތްތައް ފަސޭހައިން ލިބެން ހުރުމުން، މިފަދަ ބަލިތައް ކުރިން ދެނެގަނެ، ފަރުވާ ދިނުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

އޭއީއެޗުން ވަނީ ކިޑްނީއާ ގުޅުންހުރި ބަލިތަކަށް ޚާއްސަ ނެފްރޮލޮޖީގެ ޚިދުމަތްވެސް މިހާރު އަލުން ފަށާފައެވެ. މި ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވި ނަމަސް، މި ޚިދުމަތް އަލުން ފެށުމުން ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިގެން ގޮސްފައެވެ. ކިޑްނީގެ ބަލިތަކަށް ފަރުވާ ދިނުމާއި، ޑައިލަސިސް ހަދަންޖެހޭ މީހުންނަށް ދެވޭ ޚިދުމަތްތައް މިހާރު ފުރިހަމައަށް ލިބެމުންދާނެ ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ ޞިއްޙީ ޚިދުމަތްތަކުގެ މައި މަރުކަޒު ކަމަށް ވާތީ، މިފަދަ ޚާއްސަ ޚިދުމަތްތައް ތަޢާރަފްކުރުމަކީ ރާއްޖޭގެ ދެކުނު ސަރަހައްދުގެ ޞިއްޙީ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަކަމާއެކު މަތީ ފެންވަރުގެ ފަރުވާ ހޯދުމުގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އެހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން