ދުނިޔެ

އިނގިރޭސި ވިލާތުގެ ޖާސޫސުންގެ ލިސްޓެއް ޠާލިބާނުން އިރާނަށް ފޯރުކޮށްދިން ކަމަށްބުނާ ވާހަކަ އީރާނުން ދޮގުކޮށްފި

އިނގިރޭސި ވިލާތުގެ ޖާސޫސުންގެ ލިސްޓެއް ޠާލިބާނުން އިރާނަށް ފޯރުކޮށްދިން ކަމަށްބުނާ ވާހަކަ އީރާނުން ދޮގުކޮށްފި

އީރާނުގެ ވެރިރަށް ތެހެރާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2025، 04:15

20 އޯގަސްޓު 2025، 04:15

އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ޠާލިބާން ހަރަކާތުން އިނގިރޭސިވިލާތަށް ޖާސޫސީ ކުރާ މީހުންގެ ލިސްޓެއް އީރާނުގެ ރެވޮލިއުޝަނަރީ ގާޑަށް ދިންކަމަށް ޑެއިލީ ޓެލެގްރާފް ނޫހުން ރިޕޯޓުކޮށްފައިވާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް އީރާނުން ބުނެފިއެވެ. އަދި މި ރިޕޯޓަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުން ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކުރުމަށް ކޮށްފައިވާ ކަމެއް ކަމަށްވެސް އީރާނުން ބުނެފިއެވެ.

އަލްޖަޒީރާއަށް މިއަދު ދިން ބަޔާނެއްގައި އީރާނުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ޓެލެގްރާފްގައި ޝާއިޢުކޮށްފައިވާ، ޠާލިބާނުން ރެވޮލިއުޝަނަރީ ގާޑާއެކު އެފަދަ ލިސްޓަކާ ގުޅޭ ގޮތުން މަސައްކަތްކުރާ ކަމަށް ބުނެފައިވާ ވާހަކައަކީ ޖަވާބުދާރީވާން ނުޖެހޭ ވަރުގެ ބޭކާރު ވާހަކައެއް ކަމަށެވެ.

އީރާނުގެ ޚާރިޖިއްޔާއިން އިތުރަށް ބުނެފައިވަނީ ޓެލެގްރާފްގެ ރިޕޯޓަކީ ޒިއޯނިސްޓް މީޑިއާތަކުން އީރާނާ ދެކޮޅަށް ހިންގަމުންދާ ގަޑުބަޑު ކެމްޕޭނުގެ ބައެއް ކަމަށާއި، މީގެ މަޤްޞަދަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލީ މަސްހުނިފުހުމުގެ ޢަމަލުތަކުން ސަމާލުކަން އެއްކިބާކުރުން ކަމަށެވެ.

ޓެލެގްރާފް ނޫހުގެ އެންމެ ފަހުގެ އަދަދުގައި ބުނެފައިވަނީ އީރާނާއި އަފްޣާނިސްތާނުގެ އިސް އޮފިޝަލުންގެ ހަވާލާދީ، އިނގިރޭސި އިންޓެލިޖެންސްއާ ގުޅުން ހުރި ކަމަށް ޝައްކުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ފަށާފައިވާ ކަމަށެވެ. މިކަމަށް ބޭނުންކުރަނީ އިނގިރޭސި ޑިފެންސް މިނިސްޓްރީން ލީކްވެފައިވާ ލިސްޓެއް ކަމަށާއި، މި ލިސްޓު ޠާލިބާނުން ވަނީ އީރާނާ ހިއްސާކޮށްފައި ކަމަށެވެ.

ނޫހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ވޭތުވެދިޔަ ހަފުތާގައި އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ 4 އޮފިޝަލުން ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބޫލަށް ޒިޔާރަތްކޮށް، ޠާލިބާނުގެ ލީޑަރޝިޕާއެކު ސެކިއުރިޓީ އެއްބަސްވުމަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. 

މި އެއްބަސްވުމުގެ ދަށުން އިނގިރޭސި ސިފައިންނާއެކު މަސައްކަތްކޮށްފައިވާ ކުރީގެ އަފްޣާން ސިފައިންނާއި ސްޕެޝަލް ފޯސަސްގެ މެންބަރުން ހިމެނޭ ގޮތަށް، އިނގިރޭސިވިލާތުގައި ހިމާޔަތަށް އެދިފައިވާ އަފްޣާނުންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ބޭނުންކުރުމަށް ވަނީ ރޭވިފައި ކަމަށް ނޫހުން ބުނެއެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން ހުޅަނގުގެ ޤައުމުތަކާއެކު ކުރެވޭ މަޝްވަރާތަކުގައި ބާރުގެ ގޮތުގައި ބޭނުންކުރުމަށް ޝައްކުކުރެވޭ ޖާސޫސުން ހައްޔަރުކުރުމަށް މި ލިސްޓު ބޭނުންކުރަން އީރާނުގެ އޮފިޝަލުން ބޭނުންވާ ކަމަށް ނޫހުން ބުނެއެވެ. އަދި އަފްޣާނިސްތާނުގެ ޝަރުޢީ ސަރުކާރުގެ ގޮތުގައި ޠާލިބާނުގެ ވެރިކަން އީރާނުން ބަލައިގަތުމަށް ޠާލިބާނުން މަސައްކަތްކުރާ ކަމަށާއި، އެހެންކަމުން "އެޑިޓްކޮށްފައިވާ" ލިސްޓެއް އީރާނުގެ ރެވޮލިއުޝަނަރީ ގާޑަށް ދީފައިވާ ކަމަށްވެސް ނޫހުން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން