ޚަބަރު
ހަމަނުޖެހުން ހިންގުމަށް ބާރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި މީހަކު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ސ،ހިތަދޫ / އަތަމާވިލާ، އުމުރުން 29 އަހަރުގެ ޢަލީ ޢާނިމް ---
ހަމަނުޖެހުން ހިންގުމަށް ބާރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މީހާ ހައްޔަރުކުރީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން ހަމަނުޖެހުން ހިންގުމަށް ބާރު ލިބޭ ގޮތަށް "އެކްސް"ގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނީ، މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ "އެކްސް" ގައި ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގައި 2025 އޯގަސްޓް 20 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަޔާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ،ހިތަދޫ / އަތަމާވިލާ، އުމުރުން 29 އަހަރުގެ ޢަލީ ޢާނިމް މުފީދުއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ތިން ކަމަކަށް ތުހުމަތުކޮށްފައެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ:
1 - ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓީ.ވީ، ރޭޑިއޯ އަދި އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމް ޢަމަލެއް ހިންގުމަށް ހިތްވަރު ދިނުމާއި މަޢުލޫމާތު ފެތުރުން.
2 - ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުން.
3 - ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރަން އުޅުން ނުވަތަ ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން.
މީޑިއާތަކާ ގުޅިގެން ހުށަހަޅާ އިސްލާޙުގައި ބުނާގޮތުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު އުފައްދާ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިބޭނީ 7 މެންބަރުންނެވެ. އޭގެތެރެއިން މަޖިލީހުގެ ރުހުމާއެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ.
މީގެއިތުރުން އެ ބިލުގައި އޮތީ، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭ ގޮތަށެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭއިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންދާނެއެވެ.
އަދި ނޫހަކާ ގުޅިގެން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރުމާއި، ނޫހެއްގެ ވެބްސައިޓް ބްލޮކްކުރުމާއި އަދި ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު، މި ބިލާއެކު މީޑިއާ ކޮމިޝަނަށް ލިބޭނެއެވެ.