ޚަބަރު
މިހާތަނަށް ރާއްޖޭގައި އުޅޭ 174،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 174،152 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް އަދާހަމަކޮށްފައިވެއެވެ. މި މަސައްކަތް ފެށިފައިވަނީ 2 މޭ 2024 ގައެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން މާލެ ސަރަހައްދާއި، ސިނާޢީ މަސައްކަތްތައް ކުރާ ތަންތަނުގެ އިތުރުން ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. އަދި ރަށްރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ނެގުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން، ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުޞަތު ދިނުމާއި، ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ބަޔޯމެޓްރިކް އަދާހަމަކޮށްފައިނުވާ ބިދޭސީން ގެންގުޅޭ 2،498 މީހަކު ސިސްޓަމުން ބްލޮކްކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. މިކަމަށްޓަކައި އޮޕަރޭޝަން ކުރަނގީގެ އިތުރުން އެހެނިހެން ހަރަކާތްތައްވެސް ހޯމް ސެކްޓަރއިން ކުރިއަށްގެންދާކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައިވެއެވެ.