ދުނިޔެ

އަފްޣާނިސްތާނުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 79 މީހަކު މަރުވެއްޖެ

އަފްޣާނިސްތާނުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 79 މީހަކު މަރުވެއްޖެ

އެކްސިޑެންޓް ވި ބަސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޯގަސްޓު 2025، 11:12

21 އޯގަސްޓު 2025، 11:12

އަފްޣާނިސްތާނުގެ ހެރާތް ޕްރޮވިންސްގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި މަރުވި މީހުންގެ އަދަދު 79 އަށް އަރައިފިއެވެ.

 މި އެކްސިޑެންޓްގައި ފުރާނަ ގެއްލުނު މީހުންގެ ތެރޭގައި 19 ކުޑަކުދިން ހިމެނެއެވެ.

ތާލިބާން ސަރުކާރުގެ އިންޓީރިއަރ މިނިސްޓްރީގެ ސްޕޯކްސްޕާސަން އަބްދުލް މަތީން ޤާނީ ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓް ހިނގީ އަންގާރަ ދުވަހުގެ ރޭ ހެރާތް ޕްރޮވިންސްގެ ގުޒާރާ ޑިސްޓްރިކްޓްގައެވެ. އީރާނުން އެނބުރި އައި އަފްޣާން ރައްޔިތުން އުފުލަމުންދިޔަ ބަހެއް މޮޓޯ ސައިކަލަކާއި ތެޔޮ އުފުލާ ޓްރަކަކާ ޖެހި، ބޮޑު އަލިފާނުގެ ހާދިސާއަކަށް ވެގެން ދިޔައެވެ.

މިލިޓަރީ ހޮސްޕިޓަލުގެ އިސް ޑޮކްޓަރު މުހައްމަދު ޖަނާން މުޤައްދަސް ވިދާޅުވި ގޮތުގައި، މަރުވެފައިވާ ގިނަ މީހުންގެ ހަށިތައް އަނދައިގެން ގޮސްފައިވާ ވަރުން އެމީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަށް ވަނީ ދަތިވެފައެވެ. ހާދިސާގެ ހެކިވެރިއެއް ކަމަށްވާ އަކްބަރު ތަވައްކޮލީ (34) ބުނި ގޮތުގައި، ބަހުން މީހުން ސަލާމަތްކުރެވުނީ އެންމެ ތިން މީހުންނެވެ.

އެކްސިޑެންޓް ހިނގި ޕްރޮވިންސްގެ ސްޕޯކްސްޕާސަން މުހައްމަދު ޔޫސުފް ސައީދީ ވިދާޅުވި ގޮތުގައި، މި ބަހުގައި ދަތުރުކުރަމުން ދިޔައީ އީރާނުން ނެރެލެވުނު އަފްޣާން ރައްޔިތުންނެވެ. އެމީހުން ދަތުރުކުރަމުން ދިޔައީ ވެރިރަށް ކާބޫލަށެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ތަހުގީގެއް ފަށާފައެވެ.

ޔޫއެން މައިގްރޭޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު އެކަނި ވެސް 1.5 މިލިއަނަށްވުރެ ގިނަ އަފްޣާން ރައްޔިތުން ވަނީ އީރާނާއި ޕާކިސްތާނުން އަނބުރާ ފޮނުވާލެވިފައެވެ. މިއީ އެ ދެ ގައުމުން އަފްޣާން ރެފިއުޖީން ބޭރުކުރުމުގެ މަސައްކަތް ހަލުވިކުރުމާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތެކެވެ.

ބަކްތަރު ނިއުސް އޭޖެންސީން މި ހާދިސާ ސިފަކޮށްފައިވަނީ ފަހުގެ ތާރީހެއްގައި އަފްޣާނިސްތާނުގައި ހިނގި އެންމެ މަރުގެއްލުން ބޮޑު އެކްސިޑެންޓްތަކުގެ ތެރެއިން އެކެއްގެ ގޮތުގައެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި ދެ އެކްސިޑެންޓެއްގައި 52 މީހުން މަރުވެފައިވާއިރު، 2024 ވަނަ އަހަރުގެ މާރިޗު މަހު ހެލްމަންޑް ޕްރޮވިންސްގައި ހިނގި އެކްސިޑެންޓެއްގައި 20 މީހުން މަރުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން