ޚަބަރު
"ޙާލު ކިހިނެއް؟" ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ފ. އަތޮޅުގައި ފަށައިފި

ބިލެއްދޫގައި ކުރިޔަށް ގެންދިޔަ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓު
ނާޒުކު ހާލުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން "ހާލު ކިހިނެއް؟" ގެ ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ފ. އަތޮޅުގައި ފަށައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ވުޒާރާއިން ކުރިއަށްގެންދާ 'ޙާލު ކިހިނެއް؟' ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ފ. އަތޮޅުގައި ފަށާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ފ. ބިލެއްދޫގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި، ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމާ ގުޅިގެން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ހާމަކޮށްފައިވާ ގޮތުގައި، އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ ނަތީޖާއެކެވެ. އެހެންކަމުން މިފަދަ މުހިންމު ޕްރޮގްރާމެއް ކުރިއަށްގެންދިއުމުގައި، މުޖުތަމަޢުގެ އެހީތެރިކަމާ ފުރިހަމަ އެއްބާރުލުން ދިނުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.