ޚަބަރު
އިމިގްރޭޝަންގެ ޚިދުމަތްތައް ރަނގަޅުކުރުމަށް 3 ކެމްޕޭނެއް ރަސްމީކޮށް ފަށައިފި

އިމިގްރޭޝަންގެ ޚިދުމަތްތައް ރަނގަޅުކުރުމަށް އިތުރު އައު 3 ކެމްޕޭނެއް ރަސްމީކޮށް ފެށުން/ފޮޓޯ: އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް އިތުރު އައު 3 ކެމްޕޭނެއް ރަސްމީކޮށް ފަށައިފިއެވެ.
މިއަދު އަލަށް ފެށި ކެމްޕޭންތަކަކީ، ހިނިތުންވުމާއެކު ޚިދުމަތްދިނުން، ނަޒާހަތްތެރިކަން އިސްކުރުން، އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ. ކެމްޕޭންތައް އިފްތިތާޙުކޮށްދެއްވީ، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަޙްމަދު ފަސީޙްއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، "ހިނިތުންވުމާއެކު ޚިދުމަތްދިނުން" ކެމްޕޭނުގައި އަލިއަޅުވާލާނީ ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމާއި، އޮފިސަރުން އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހިތްވަރުދިނުމަށް ކަމަށެވެ. އަދި "ނަޒާހަތްތެރިކަން އިސްކުރަމާ" ކެމްޕޭނުގެ މަޤްޞަދަކީ، ތެދުވެރިކަމާއި، ހާމަކަންބޮޑުކަމާއި، ޖަވާބުދާރީވުން އިތުރުކޮށް، އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑުތައް ދެމެހެއްޓުމުގެ ޒިންމާ އޮފިސަރުންނަށް ހަނދާންކޮށްދިނުންކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން، "އިންސާނިއްޔަތުކަން ދެމެހެއްޓުން" ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާނީ، އިމިގްރޭޝަނުގެ ޚިދުމަތްތައް ހޯދާ ހުރިހާ ފަރާތްތަކާ މެދު ވެސް ިއޙްތިރާމާއި، ހަމަހަމަކަމާއި، ޤަދަރުވެރިކަމާއެކު މުޢާމަލާތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. މި ކެމްޕޭންތައް ފެށުމަށްފަހު ކޮންޓްރޯލަރ ޖެނެރަލް ވަނީ އެކި ޑިވިޜަންތަކަށް ޒިޔާރަތްކުރައްވާ، މި ކެމްޕެއިންތައް ތަޢާރްފްކޮށްދެއްވާ، ކޮންމެ ދުވަހަކު ކުރާ މަސައްކަތްތަކުގައި މި ރަނގަޅު ޢަމަލުތައް ހިމެނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ކެމްޕޭންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ، އިމިގްރޭޝަންގެ އޮފިސަރުންނަކީ މިޤައުމުގެ މޫނުމަތިކަމަށާއި، މި އޮފިސަރުންނަކީ ފަތުރުވެރިން އައުމުން އެންމެ ފުރަތަމަ މަރުޙަބާކިޔާ އަދި ފުރާއިރު އެންމެފަހުން ދިމާވާނެ ފަރާތްތައް ކަމަށެވެ. އެހެންކަމުން، އޮފިސަރުން ދޭ ފެންވަރު ރަނގަޅު ޚިދުމަތްތަކީ އެ މުއައްސަސާގެ އަދި ޤައުމުގެ ވެސް ފެންވަރު ހިފަހައްޓަދޭކަމެއްކަން ކޮންޓްރޯލަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.
މި ކެމްޕޭންތަކުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ނަޒާޙަތްތްތެރިކަމާ، އިޙްތިރާމާއެކު އަބަދުވެސް ހިނތުންވުމާއެކު ޚިދުމަތް ދިނުމުގެ މުހިންމުކަން. އަޅުގަނޑުމެން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވީ އިތުބާރުހިފޭ، ރައްޔިތުންގެ ލޯތްބާއި ގަދަރު އަބަދުވެސް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ދެމިތިބުމަށް.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަޙްމަދު ފަސީޙް ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މި ކެމްޕޭންތައް މާލެއާއި އަތޮޅުތަކުގައި ހުރި އެކި އޮފީސްތަކުގައި ކުރިއަށްދާނެ ކަމަށެވެ. އަދި ހުރިހާ އިމިގްރޭޝަން އޮފިސަރުން އަމަލީގޮތުން ބައިވެރިވާނެ ކަމަށާއި، ކަސްޓަމާ ސަވިސްއާއި، ނަޒާހަތްތެރިކަމާއި، އިންސާނީ ޙައްޤުތަކުގެ މުހިންމުކަމާ ގުޅޭގޮތުން ތަޖުރިބާކާރުން ކުރިއަށްގެންދާ ސެޝަންތައްވެސް މި ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.