Ads by Stelco

ޚަބަރު

މާޅޮހުގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

މާޅޮހުގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

އަބްދުއްރަހްމާން އާދަމް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 އޯގަސްޓު 2025، 10:01

22 އޯގަސްޓު 2025، 10:01

މިދިޔަ މަހުގެ 13 ވަނަ ދުވަހު އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 3 މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނަކާއި 27 އަހަރުގެ ދެ ޒުވާނުންނެވެ. މި ހުރިހާ ޒުވާނުންވެސް ނިސްބަތްވަނީ މާޅޮހަށެވެ.

އެގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ލިލީފެހި، މުޙައްމަދު ވިޝާމް އާއި ފިނިވާގެ، އަޙުމަދު ފާރިސް އާއި ފިޔަ، އަޙުމަދު އަޝިދުއެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވިޝާމް އާއި ފާރިސް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރިއިރު، އަޝިދު ބަންދުކުރުމަށް އަމުރުކުރީ 5 ދުވަހަށެވެ. 

އަބްދުއްރަހްމާން މަރާލާފައި އޮއްވައި ފެނުނީ ޖުލައި 13ވަނަ ދުވަހުގެ ރޭގެ ދަންވަރު އޭނާ ދިރިއުޅެމުން ދިޔަ އއ. މާޅޮސް، މާހިޔާ ގޭގެ ތެރެއިންނެވެ. އޭރު އެގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާނާއި އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އެކަންޏެވެ.

އަބްދުއްރަހްމާންގެ މަރުގެ ތަޙުޤީޤަށް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްޓަކައި އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސްފައިވަނީ ޖުލައި 21ވަނަ ދުވަހުއެވެ. އޮޓޮޕްސީއަށް ފަހު ފުލުހުން ހާމަކުރީ، އޭނާ މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން