ކުޅިވަރު
އައިޓީއެފް ޖޭ30: ޑަބަލްސް ފައިނަލުން އާރާގެ ޕެއާރ ޖާގަ ހޯދިއިފި

ޑަބަލްގެ ފައިނަލުން ޖާގަ ހޯދާފައިވާ އެއް ޕެއާރގައި ހިމެނޭ ރާއްޖޭގެ އާރާ އާސަލް އާޒިމް، ފޮޓޯ: ޕީއެސްއެމް
ރާއްޖޭގައި މިހާރު ކުރިޔަށްދާ "އައިޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ޓެނިސް މުބާރާތުގެ ޑަބަލްސް ކެޓެގަރީގެ ފައިނަލުން، ރާއްޖޭގެ އާރާ އާސަލް އާޒިމުގެ ޕެއާރ ޖާގަ ހޯދައިފިއެވެ.
މި މަހުގެ 18ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ މި މުބާރާތުގެ ޑަބަލްސް ކެޓަގަރީން އާރާގެ ޕެއަރ ޖާގަ ހޯދީ، އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ފްރާންސްއަށް ނިސްބަތްވާ ދެ ކުޅުންތެރިން ހިމެނޭ ޕެއަރ ބަލިކުރުމަށްފަހުއެވެ. ޑަބަސްލްގައި އާރާގެ ޕާރޓްނަރަކީ ތައިލޭންޑްގެ ޓެރީޓާ ހޮންގްޔޮންއެވެ.
އާރާގެ ޕެއަރ މެޗު ކާމިޔާބުކުރީ 2 ސެޓުންނެވެ. އެ ޕެއަރއިން ފުރަތަމަ ސެޓު 6-1 ގޭމުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 7-5 ގޭމުންނެވެ.
މީގެ އިތުރުން ޑަބަލްގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދުމަށް މިއަދު ކުޅޭ ދެވަނަ ސެމީގައި އެއްކޮޅުން ވާދަކުރާނީ ރާއްޖޭގެ ދެ ކުޅުންތެރިންނެވެ. މި މެޗުގައި ރާއްޖޭގެ ދާޢޫދު ޝަޙީބު އަދި މުޙައްމަދު ނޫހު ނާޒިހުގެ ޕެއާރ ނިކުންނާނީ ސްވިޑްޒަލޭންޑްގެ ޗާލީ ބަޒިލް އަދި ތައިލޭންޑްގެ ދަންތައި ތަކޮންގެ ޕެއާރއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރުފަހުއެވެ.
ދާޢޫދާއި ނޫހުގެ ޕެއާރ ސެމީ ފައިނަލްގެ ޖާގަ ހޯދީ ފްރާންސް އާއި ތައިލޭންޑްގެ ދެ ކުޅުންތެރިންގެ ޕެއާރއަކާ ވާދަކޮށް ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓްތައް ދާޢޫދާއި ނޫހްގެ ޕެއާރ ކާމިޔާބުކުރީ 6-4 އަދި 6-4 އިންނެވެ.