Ads by Stelco

ޚަބަރު

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

ޒަކާތް ބަލައިގަތުން/ފޮޓޯ: ޒަކާތު ހައުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޯގަސްޓު 2025، 04:16

22 އޯގަސްޓު 2025، 04:16

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު 11،191.95 އަށް ބަދަލުވެއްޖެކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންކަމަށް ވީއިރު، ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދާނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ. އެގޮތުން، މި ހިނގާ އޮގަސްޓް މަހުގެ 21އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 18.81 ގެ ރޭޓުން 595 ގްރާމަށްވާ 11،191.95 ރުފިޔާކަމަށް ޒަކާތު ހައުސް އިން ވިދާޅުވިއެވެ.

ޒަކާތު ހައުސްއިން އިތުރަށް ވިދާޅުވީ، ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިން ކަމަށެވެ. އެހެންކަމުން، ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެވޭ ކަމަށާއި، އެންމެ ފަހުން މިއަހަރުގެ އޭޕްރީލް މަހު ކުރި ޢިއުލާނުގައި ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 9،264.15 ރުފިޔާކަމަށް ޒަކާތު ހައުސްއިން ވަނީ ވިދާޅުވެފައެވެ.

ހަމަ މިއާއެކު، މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 18.81 ރުފިޔާ އަދި ރަނުގެ އަގުހުރީ ގްރާމަކަށް 1،652.10 ރުފިޔާގެ ރޭޓުންކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ. އަދި ރިހީގެ ނިޞާބަކީ 595 ގްރާމު އަދި ރަނުގެ ނިޞާބަކީ 85 ގްރާމެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ޤައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުންކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

ޒަކާތް ނެރުމަކީ، އިސްލާމް ދީނުގެ ރުކުނަކަށްވާއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން